ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި މިހާރު އާދަކޮށް އަށަގަނެފައިވާ ޓިއުޝަނަށް ބަރޯސާވުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، ދަރިވަރުންގެ އަމިއްލަ އުނގެނުމަށް މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވާން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ހުޅުމާލޭ ސީއެޗްއެސްސީ ހޯލުގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޑރ. އިސްމާޢީލް ޝަފީޢުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ގިނަ ދަރިވަރުންގެ މެދުގައި ޓިއުޝަނަށް ބަރޯސާވުމުގެ އާދަ ވަނީ ނުހަނު ބޮޑަށް ހިފާފައެވެ. އެގޮތުން ބައެއް ކުދިން ދުވާލަކު 4 ގަޑިއިރާއި 6 ގަޑިއިރާ ދެމެދުގެ ވަގުތެއް ހަމައެކަނި ޓިއުޝަން ކްލާސްތަކުގައި ހޭދަކުރާކަން މިނިސްޓަރު ހިތާމައާއެކު ފާހަގަކުރެއްވިއެވެ.
”ސްކޫލުން ބޭރުން ކުދިންނަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދޭންވާނީ ރަސްމީކޮށް ސްކޫލުގައި ކިޔަވައިދޭ ކިޔެވުމުން ކުދިން ދުރުނުވާނެ ފަދަ ގޮތަކަށް ވިސްނައިގެން،“ މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުގެ އަސްލު އަމާޒަކީ ތަޢުލީމީ ނިޒާމުގެ ތެރެއިން ސްކޫލްތަކުގައި ދެވޭ ކިޔަވައިދިނުމުގެ ފެންވަރު މަތިކޮށް، ބެލެނިވެރިންނާއި ދަރިވަރުންނަށް އެ ނިޒާމަށް ފުރިހަމައަށް އިތުބާރުކޮށް، ބަރޯސާވެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ.
ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ހުރިހާ ވަގުތެއް ހަމައެކަނި ފިލާވަޅު ދަސްކުރުމާއި ޓިއުޝަނުގައި ހޭދަކުރުމަކީ ކުދިންނަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްކަން ދިރާސާތަކުން ދައްކާ ކަމަށެވެ. ”އެހާ ގިނަ ވަގުތު ގޭތެރެއިން ނެގޭކަމަށް ވާނަމަ، އޭގެ އަސަރު ދަރިވަރުންގެ ދުޅަހެޔޮކަމަށް ކުރާނެ. ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެ،“ މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ދަރިވަރުންނަށް ވަގުތު މެނޭޖުކުރަން ދަސްކޮށްދިނުމާއި، އަމިއްލަ ހިތްހަމަޖެހުމަށް ކުރާ ކަންކަމަށް ވަގުތު ހޯދައިދިނުމަކީ ބެލެނިވެރިން އިސްކަންދޭންޖެހޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން، ނޭޝަނަލް އެސެސްމެންޓް އޮފް ލަރނިން އައުޓްކަމްސްގެ ނަތީޖާތަކަށް ބަލާއިރު، މިހާރަށްވުރެ ރަނގަޅު ނަތީޖާއެއް ހާސިލުކުރެވޭނީ ގްރޭޑް 1 އަކުން ފެށިގެން 12 އާ ހަމައަށް އުޅޭ ދަރިވަރުން އަމިއްލަ ކިޔެވުމަށް ޝައުގުވެރިވެ، އަމިއްލައަށް ޒިންމާ ނަގައިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތަށްއަމިއްލައަށް އުނގެނުމުގެ ސަބަބުން ކުދިންގެ ވިސްނުމާއި، އުނގެނުމުގެ އަމިއްލަ އުކުޅުތައް ތަރައްގީވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.



