އީރާނުގެ އައު ރޫހާނީ ކާބަފާނު (ސްޕްރީމް ލީޑަރު) މުޖްތަބާ ޚާމަނާއީ، އެމަނިކުފާނުގެ ބައްޕާފުޅު އަދި ކުރީގެ ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ޓެލެގްރާމް މެދުވެރިކޮށް އާންމުކުރެއްވި ބަޔާނެއްގައި މުޖްތަބާ ވިދާޅުވީ، ބައްޕާފުޅާއި މި ހަނގުރާމައިގައި ޝަހީދުވި އެންމެހާ ފަރާތްތަކުގެ ލޭގެ ބަދަލު ހިފުމަކީ މުޅި ގައުމުގެ ސާބިތު އަޒުމެއް ކަމަށާއި، އެކަން ކޮންމެހެންވެސް ފުރިހަމަކުރައްވާނެ ކަމަށެވެ.
މި އިންޒާރު މުޖްތަބާ ދެއްވާފައި މިވަނީ، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ދިން ވައިގެ ހަމަލާތަކެއްގައި އަލީ ޚާމަނާއީ އަވަހާރަކޮށްލިތާ މަސްތަކެއް ފާއިތުވެފައި ވަނިކޮށެވެ.
އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް މިހާރު ނިމިފައިވާއިރު، ސަލާމަތީ ސަބަބުތަކަށްޓަކައި މުޖްތަބާ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މިއީ މުޖްތަބާ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދެއްވި އެންމެ ހަރުކަށި އަދި ފާހަގަކޮށްލެވޭ އިންޒާރެވެ.
މި ހަމަލާތަކަށް ޒިންމާވާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެއްވާފައިވާއިރު، މިއީ މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެ، ހަމަނުޖެހުންތައް ބޮޑުވެދާނެ ކަމުގެ ބިރު އޮތް ވަގުތެއްކަމަށް މުރާސިލުން ފާހަގަކުރެއެވެ.



