މެދުއިރުމަތީގެ ހަނގުރާމާގައި އެންމެ ފަހުން ބަދަލުކުރި ހަމަލާތަކަށް ފަހު ހޮރްމޫޒް ކަނޑުއޮޅި މިހާރު އަލުން ބަންދުކޮށްފައިވާތީވެ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ އެވެ.
ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް ދެގައުމުން ދެމުންދާ ހަމަލާތަކާ ގުޅިގެން، ބައިނަލްއަގުވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު ހޯމަ ދުވަހު ވަނީ 4 އިންސައްތައަށް މަތިވެ، ފީފާއެއްގެ އަގު 79.11 ޑޮލަރަށް އެރިއިރު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓްގެ އަގު %4.11 މަތިވެ ފީފާއެއްގެ އަގު 74.36 ޑޮލަރަށް ވަނީ އުފުލިފަ އެވެ.
އީރާނުން ބުނާ ގޮތުގައި އެ ކަނޑުއޮޅިން ދަތުރުކުރާ މަގުތައް ކޮންޓްރޯލްކުރުމުގެ ހައްގު އެގައުމަށް ލިބިގެންވެ އެވެ. އަދި އެ މަގު ބޭނުންކުރާ އުޅަނދުތަކުން ފީ ނެގުމަށް ރާވަމުންދާކަން ވެސް އެ ގައުމުން ވަނީ އިއުލާންކޮށްފަ އެވެ.
ނަމަވެސް އެމެރިކާއިން އެ ގޮތް ގަބޫލެއް ނުކުރެ އެވެ. އެމެރިކާ އިން ބުނަނީ ވިޔަފާރި އުޅަނދުތަކަށް އެ ކަނޑުއޮޅިން އެއްވެސް ހުރަހެއްނެތި މިނިވަންކަމާ އެކު ދަތުރުކުރެވެންޖެހޭނެ ކަމަށެވެ.
މީގެ ދެ މަސް ކުރިން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ އެކު ފެށުނު މި ހަނގުރާމަ މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް ފެތުރި، ދުނިޔޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަރައި، އެތައް ސަތޭކަ މިލިއަން މީހުންނަށް ވަނީ އަސަރުކޮށްފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިއްޔެ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރީ އެންމެ ހަ އުޅަނދެވެ. މިއީ ފަސް ހަފުތާގެ ތެރޭގައި އެންމެ މަދު އަދަދެކެވެ. ގިނަ ތެޔޮ ޓޭންކަރުތަކުން ކަނޑުއޮޅި ހުރަސްކުރިއިރު އެ ޓޭންކަރު އޮތް ތަން ދައްކާ ނިޒާމު ނިއްވާލާފައިވާއިރު، ހަފުތާ ބަންދުގައި ގުދުރަތީ ގޭސް އުފުލާ އެއްވެސް ޓޭންކަރެއް އެ ކަނޑުއޮޅިއަށް ވަންނަނިކޮށް ފެނިފައެއް ނުވެ އެވެ.



