ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ ވީޑިއޯއެއް، ތިން ސައިކަލެއް ޓޯކޮށްފި
ދެންމެ | 25 ޖުލައި 2026

ސަނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި ވަނިކޮށް އެ ސައިކަލުތައް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. 

ނަމަވެސް އެ ސައިކަލްތައް ނުރައްކާތެރިކޮށް ދުއްވި މީހުންނާ މެދު އެއްވެސް ފިޔަވަޅެއް އެޅިތޯ މީޑިއާ އިން އެހުމުން ފުލުހުން އަދި ޖަވާބެއް ނުދެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ ރޭގަނޑު ވަގުތުގައި ތިން ސައިކަލެއްގައި ތިން މީހަކު ވަރަށް ބާރު ސްޕީޑުގައި ބްރިޖްގައި ދުއްވާ މަންޒަރެވެ.

މާލެއާ ވީ ފަޅިއަށް އެ މީހުން ބްރިޖުގައި ދުއްވަމުން ދިޔައިރު އޭގެ ތެރެއިން ދެ ސައިކަލެއް ދުއްވަން ތިބި ދެ މީހަކު އޮތީ ސައިކަލުގެ މަޑިމަތީގައި އެއްކޮށް އޮށޯވެގެން އޮވެ، ހުންގާނުގައި ހިފަހައްޓައިގެންނެވެ. އަދި ތިން ވަނަ މީހާ ވެސް އެމީހުންގެ ކައިރިން ވަރަށް ބާރަށް ސައިކަލުގައި ދަނިކޮށް ވީޑިއޯގައި ފެނެ އެވެ.

އެ ހާދިސާ ހިނގި ވަގުތު ބްރިޖު މަތިން މާ ގިނަ ބަޔަކު ދުއްވާފައި ނުދާތީ ބެލެވެނީ އެކަން ހިނގީ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ބްރިޖުގައި އޭރު ވެސް ވެހިކަލް ދުއްވާތަން ފެނެ އެވެ.

އެ ވީޑިއޯއާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް ޓޯކޮށްފައިވާ ކަމަށެވެ. އަދި އެ ވެހިކަލްތައް ޓޯކޮށްފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދާ ހިލާފުވުމުގެ ސަބަބުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ވެހިކަލްތައް ޓޯކޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަކަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!