އީރާނުގެ މަސްރަޙާ ގުޅިގެން އުފެދިފައިވާ އިޤްތިޞާދީ ނުތަނަވަސްކަމާއި، ސާފުނުކުރާ ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން އިތުރުވާ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ދިއުރެކްސް، ލައިސޯލް އަދި މިއުސިނެކްސް ފަދަ އުފެއްދުންތައް ބާޒާރަށް ނެރޭ ”ރެކިޓް ބެންކައިޒާ“ ކުންފުނީގެ ތަކެތީގެ އަގު ބޮޑުކުރަން ނިންމައިފިއެވެ.
އިނގިރޭސިވިލާތަށް ނިސްބަތްވާ މި ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި އުތުރު އެމެރިކާ އާއި ޔޫރަޕްގެ ބާޒާރުތަކުގައި ބައެއް އުފެއްދުންތަކުގެ އަގު މައްޗަށް ދާނެއެވެ.
މި ނިންމުމާ ގުޅޭގޮތުން ރެކިޓް ކުންފުނީގެ ސީ.އީ.އޯ ކްރިސް ވިދާޅުވީ، އަގަށް އަންނަ މި ބަދަލަކީ ކުންފުނީގެ ހުރިހާ އުފެއްދުމަކަށް އަންނާނެ ބަދަލެއް ނޫން ކަމަށާއި، މިއީ ހަމައެކަނި ބައެއް ޚާއްޞަ ބާވަތްތަކުގެ އަގަށް އަންނަ ބަދަލެއް ކަމަށެވެ. އަދި އިންފްލޭޝަނާ ގުޅިގެން އިތުރުވާ ޚަރަދުތައް ކުޑަކުރުމަށްޓަކައި އުފެއްދުންތެރިކަން އިތުރުކޮށް، ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސީ.އީ.އޯ އިތުރަށް ވިދާޅުވި ގޮތުގައި، ސަޕްލައި ޗޭނަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތައް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ބާޒާރުން ފެންނަން ފަށާނެއެވެ.
ރެކިޓް ކުންފުނިން މިއަހަރުގެ ކުރީކޮޅު ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ބާޒާރުގައިވެސް އަގުތައް ބޮޑުކޮށްފައިވާ އިރު، ދެވަނަ ކުއާޓަރުގެ މާލީ ނަތީޖާއިން ދައްކާ ގޮތުގައި އެ މާކެޓްތަކުން ލިބުނު އާމްދަނީ ވަނީ 9.4 އިންސައްތަ އިތުރުވެފައެވެ. މީގެ ތެރެއިން 6.2 އިންސައްތައަކީ ސީދާ އަގު ބޮޑުކުރުމާ ގުޅިގެން ލިބުނު ކުރިއެރުމެކެވެ. ސީ.އީ.އޯ ފާހަގަކުރެއްވި ގޮތުގައި، ޞިއްޙީ އުފެއްދުންތަކުގެ އަގު ބޮޑުވުމުން ވިކޭ މިންވަރަށް ބޮޑު ބަދަލެއް ނާދެއެވެ. ނަމަވެސް ސާފުތާހިރުކަމާ ގުޅޭ އުފެއްދުންތަކުގެ މާކެޓަށް މި ބަދަލުގެ އަސަރު ތަފާތު ގޮތަކަށް ފޯރައެވެ.
އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް މަޑުޖެހި، މެދުއިރުމަތީގެ މަސްރަޙު ފިނިވުމާ ގުޅިގެން، އެ ސަރަޙައްދުގައި ކުންފުނީގެ ވިޔަފާރިއާއި މުދާ އުފުލުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށް ކުންފުނިން ބުނެއެވެ. އަދި ސާފުނުކުރާ ތެލުގެ އަގު ފީފާއަކަށް 100 ޑޮލަރަށްވުރެ މަތީގައި ހުރުމަށްފަހު، އަގުތައް ތިރިވާން ފެށުމުން އުފެއްދުމުގެ ޚަރަދުތައް ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށްވެސް ސީ.އީ.އޯ ވިދާޅުވިއެވެ.
މީގެއިތުރުން، ދެވަނަ ކުއާޓަރުގެ މާލީ ނަތީޖާ ރަނގަޅުވުމާ ގުޅިގެން، ރެކިޓް ކުންފުނިން ވަނީ 500 މިލިއަން ޕައުންޑް (665 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިއްސާ އަނބުރާ ގަތުމުގެ ޕްރޮގްރާމެއްވެސް ފަށާފައެވެ.



