ސައީދުގެ މައްޗަށް އެމްޑީޕީން އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅައިފި
ދެންމެ | 01 އޯގަސްޓް 2026

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 13 މެންބަރުން ސޮއިކުރައްވައި ހުށަހެޅި މައްސަލައިގައި ވަނީ ވަޒީރުންނާ ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ސައީދު އިހުމާލުވެ، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަޒީރުން ކުރުން މަނާ ކަންކަން ކުރައްވައިފައިވާ ކަމަށް، އެ މައްސަލައިގައި ވެއެވެ.

 

އެމްޑީޕީން މަޖިލީހަށް ހުށަހެޅި މި މައްސަލައިގައި މައިގަނޑު 6 ކަމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

 

ގާނޫނީ ޒިންމާއަށް އިހުމާލުވުން: ގާނޫނުއަސާސީން ވަޒީރުންނާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކަށް ސައީދު އިހުމާލުވުން؛ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާފައި ނުވުމާއި ވަޒީރުން ކުރުން މަނާ ކަންކަން ކުރައްވާފައިވުން

 

އިގްތިސާދީ މައްސަލަތައް: އިގްތިސާދު އިސްލާހުކުރާނެ ރަނގަޅު ސިޔާސަތެއް ތަންފީޒުނުކުރުމުގެ ސަބަބުން ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21ރ.އަށް ވުރެ މައްޗަށް ގޮސްފައިވުން؛ އަދި މިކަމަށް ހައްލެއް ހޯއްދެވުމުގެ ބަދަލުގައި، އެއީ އާދައިގެ ކަމެއްގެ ގޮތުގައި ސިފަކުރައްވައި މައްސަލައިގެ ނުރައްކާތެރިކަން އޮޅުވާލައްވާފައިވުން

 

ދައުލަތުގެ ފައިސާ އާއި މުދަލަށް އިހުމާލުވުން: ގައުމުގެ މާލީ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި، ރާއްޖެއިން ބޭރުގައި ބޭއްވި އިންވެސްޓަރު ފޯރަމްތަކަށާއި ރަސްމިއްޔާތުތަކަށް ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ އާއި ވަސީލަތްތައް އިސްރާފުކުރައްވާފައިވުން

 

ޑިވެލޮޕްމެންޓް ބޭންކުގެ ހަރަދުތައް: ހިދުމަތް ނުފެށިގެން އުޅޭ ޑިވެލޮޕްމެންޓް ބޭންކަށް މިދިޔަ އަހަރުގެ މާޗު މަހުގެ ނިޔަލަށް 6.56 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ

އެމްޑީޕީން މީގެ ކުރިން މަޖިލީހަށް ވެއްދީ މި ސަރުކާރުގެ އެންމެ މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ. އެއީ އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި މިހާރު ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީންގެ މައްސަލަ އެވެ.

ނަމަވެސް، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީން އެ މައްސަލަ ފާސްކޮށްފައެއް ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!