ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެފައިވާކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިއުލާނުކޮށްފި އެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނޮމިނޭޓްވެފައިވަނީ ”އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް 2026“ ގެ ކެޓަގަރީއަށެވެ. މީގެ ކުރިން 12 ފަހަރު މި ލަގަބު ހޯދާފައިވާ އެ އެއާޕޯޓަށް މިފަހަރު ލިބުނު ނޮމިނޭޝަނަކީ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ އެއް އެއާޕޯޓުގެ ގޮތުގައި އެ ދަމަހައްޓަމުން އަންނަ މަގާމު ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި އެ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ފާހަގަކުރި އެވެ.
މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެފައިވަނީ ”އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް ލައުންޖް 2026“ އަށެވެ.
”މިއީ ފަސިންޖަރުންނަށް ފެންވަރު ރަނގަޅު އަދި އަރާމު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ލައުންޖުން ކުރަމުން އަންނަ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެއް“ އެ ކުންފުނިން ބުންޏެވެ.
މި ނޮމިނޭޝަންތަކަކީ އެއާޕޯޓުގެ ހިދުމަތްތައް ތަރައްގީކޮށް، ފަސިންޖަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށާއި، ދިވެހިރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގާމު ވަރުގަދަކުރުމަށް އެމްއޭސީއެލް އިން ކުރަމުންދާ މެދުނުކެނޑި މަސައްކަތްތަކުގެ ހެއްކެއްކަމަށް އެމްއޭސީއެލް އިން ބުންޏެވެ.



