ފަންބޮނޑި މޯލްޑިވްސް އަށް ލ. ފޮނަދޫގައި ފައިބަރ ނެޓްވޯކެއް ގާއިމް ކުރުމަށް މަގު ކޮނުމުގެ ހުއްދަ ތަފާތު ކުރުމެއްނެތި ދިނުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގުމުން ވެސް ހުއްދަ ނުދީ ހިފެހެއްޓުމަށް ފަހު އެހެން ފަރާތަކަށް ނެޓްވޯކް ގާއިމްކުރުމަށާއި މަގު ކޮނުމުގެ ހުއްދަ ދިން މައްސަލަ ވެސް އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖޭއޭ) އިން ބަލަން ފަށައިފި އެވެ.
ފޮނަދޫ ކައުންސިލްގެ ޔައުމިއްޔާތަކުން ފެންނަ ގޮތުގައި ފަންބޮނޑިން ފޮނަދޫ ކައުންސިލްގައި އެންމެ ފުރަތަމަ މަގު ކޮނުމުގެ ހުއްދަ އެދިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އެވެ. އަދި ފަންބޮނޑިން ނެޓްވޯކް ގާއިމް ކުރުމަށް މަގު ކޮނުމުގެ ހުއްދައަށް ހުށަހެޅި ފަހުން ހަމަ އެފަދަ ހުއްދަ އަކަަށް އެދިފައިވާ ފަރާތަކަށް މިއަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ބޭއްވުނު އެ ކައުންސިލްގެ 4 ވަނަ ބައްދަލުވުމުން ވަނީ ހުއްދަ ދީފަ އެވެ. އެހެންނަމަވެސް މިއަހަރުގެ ޖަނަވަރީ 31 ވަނަ ދުވަހު އެކައުންސިލްގެ 5 ވަނަ ބައްދަލުވުމުގައި އެކައުންސިލުން ވަނީ ބަންބޮނޑިއަށް ހުއްދަ ނުދޭން ނިންމާފަ އެވެ.
އެލްޖީއޭއިން ވެސް ކުރިން ފޮނަދޫ ކައުންސިލަށް އަންގާފައި ވަނީ ޒާތީ ނުވެ ހަމަހަމަ ކަމާއިއެކު ތަފާތު ކުރުމެއް އިހްމާލްވުމެއް ނެތި އެހެން ފަރާތްތަކެކޭ އެއް ހަމައަކުން ފަންބޮނޑިއަށް މަގު ކޮނުމުގެ ހުއްދަ ދިނުމަށެވެ.
ޕީޕީއެމަށް ނިސްބަތްވާ ފޮނަދޫ ކައުންސިލް ރައީސް އަހުމަދު ރިޔާޒު ސޮއިކޮށް ފަންބޮނޑި އަށް ފޮނަދޫ ކައުންސިލުން ފޮނުވާފައި ސިޓީގައި ބުނެފައި ވަނީ އެކުންފުނިން އެދިފައިވާ މަގު ކޮނުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ.
ފޮނަދޫ ކައުންސިލުން މަގާމް ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ މިހާރު ވެސް ދަނީ އޭސީސީއިން ވެސް ތަހްގީގް ކުރަމުންނެވެ. މިމައްސަލައިގައި ލ. އަތޮޅު ކައުންސިލުން ވެސް ބުނެފައި ވަނީ ފޮނަދޫ ކައުންސިލުން އަމަލްކުރަމުންދަނީ ހަމައެއް އުސޫލެއްނެތި، ގަވައިދާ ހިލާފަށް ކަމަށެވެ.
ފައިބަރ އޯޕަން އެކްސެސް ނެޓްވޯކްތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މުއާސަލާތީ ވަސީލާތްތައް ފޯރުކޮށްދިނުމަށް ބޭނުން ކުރާ އިންފްރާސްޓަކްޗަރ ނިޒާމެކެވެ.