އީރާނުން ފުރިހަމަ ހަނގުރާމައަކަށް ތައްޔާރުވެ، ހޮރުމޫޒު ނުހުޅުވާނެ ކަމާއި އެމެރިކާ އާއި ވާހަކަވެސް ނުދައްކާނެ ކަމަށް ބުނެފި
ދެންމެ | 16 އޯގަސްޓް 2026

އެމެރިކާއާއެކު ފުރިހަމަ ހަނގުރާމައަކަށް އީރާނު ތައްޔާރުވެއްޖެއެވެ.

 

އީރާނު ސަރުކާރުގެ އިސް މަސްދަރުތަކާ ހަވާލާދީ މީޑިއާއިން ބުނަނީ، އެމެރިކާއާ ވާހަކަ ނުދައްކާނޭކަމަށް އީރާނުން ތަކުރާރުކޮށް ބުނަމުން ދިއުމާއި، ހޮރްމޫޒު ހުޅުވޭނޭ އެއްވެސް ގޮތެއް ނެތުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް ހަނގުރާމަ ފަށަން ތައްޔާރުވަމުންދާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

 

އެމެރިކާގެ ރައީސް ވަނީ، ކޭމްޕް ޑޭވިޑްގައި އަސްކަރީ ސިއްރު ކުއްލި ސައްލާތަކެއް ބާއްވާފައެވެ. މިއީ، އީރާނަށް ހަމަލާދޭން ފެށުމަށް އެކަމުގެ އަމުރު ނެރުމާގުޅޭ ސައްލާތައް ކަމަށް ބުނެވެއެވެ.

 

އަނެއްކޮޅުން، މެދުއިރުމަތީގައި އޮންނަ އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ކޮމާންޑަރ އެޑްމިރަލް ބްރެޑް ކޫޕަރ، އިސްރާއީލު ހިމެނޭގޮތުން މެދުއިރުމަތީގެ 6 ގައުމަކަށް ކުރި 10 ދުވަހުގެ ދަތުރު އިއްޔެވަނީ ނިންމާލާފައެވެ.

 

ބްރެޑް ކޫޕަރ އިސްރާއީލަށް ގޮސް، އީރާނަށް ހަމަލާދިނުމުގައި އިސްރާއީލުވެސް ބައިވެރިވުމާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށް އިސްރާއީލުގެ ޗެނަލް13 ޓީވީން ރިޕޯޓް ކޮށްފައި ވެއެވެ.

 

މަޝްވަރާތަކުގެ މޭޒުދޮށް އީރާނު ގެނެވޭނީ އަސްކަރީގޮތުން އީރާނު ބަލިކޮށްގެން ކަމަށް އެޑްމިރަލް ކޫޕަރ، އިސްރާއީލު ސިފައިންގާތު ބުނިކަމަށް ވެއެވެ. މިރިޕޯޓްތައް އޭނާ ފަހުން ދޮގުކޮށްފައި ވެއެވެ.

 

އެކަމަކު، އެމެރިކާ އަސްކަރިއްޔާގެ ހަނގުރާމަމަތީ ޖެޓުތައް އުފުލާ ބިޔަ މަނަވަރު، ޖޯޖް ވޮޝިންޓަން މިހާރުވަނީ، މެދުއިރުމައްޗަށް ދިއުމަށް މިސްރާބު ޖަހާފައެވެ. ޖޯޖް ވޮޝިންޓަން މަނަވަރު މެދުއިރުމައްޗަށް އަންނަނީ އެ ސަރަހައްދުގައި އޮތް ހަނގުރާމައިގެ ޖެޓުތައް އުފުލާ މަނަވަރު އަބްރަހަމް ލިންކަންގެ ހާލަތު ގޯސްވެ އަނބުރާ ގެންދިއުމުގެ ބަދަލަށެވެ. މިވެސް، އީރާނަށް ހަމަލާދޭން ވަމުންދާ ތައްޔާރީގެ ބައެއް ކަމަށް ބުނެވެއެވެ.

 

އީރާނާއި އެމެރިކާއާ ދެމެދު ހަދާފައިވާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވަނީއެވެ. އީރާނުން އެމެރިކާއާ އިތުރަކަށް ވާހަކައެއް ނުދެއްކިއެވެ. އިތުރު އެއްބަސްވުމެއް ހެދޭކަށް ނެތެވެ.

 

އެމެރިކާއިން ޕްރެޝަރކޮށް ބިރުދެއްކި ނަމަވެސް އީރާނުން ހޮރްމޫޒު ކަނޑުއޮޅިއެއް ނުހުޅުވިއެވެ. އީރާނުން އަންގަނީ، އެމެރިކާއާއި އިސްރާއީލުގެ އުދުވާނީ ހަމަލާތަކުގައި އީރާނަށް ލިބުނު ގެއްލުންތަކުގެ ބަދަލު ދިނުމުންނާއި، ބްލޮކޭޑް އުވާލައި ސިފައިން އަނބުރާ ގެންގޮސް އަދި އީރާނުގެ ފަންޑުތައް ދޫކޮށްލުމުން ނޫނީ، ހޮރްމޫޒު ނުހުޅުވާނޭ ކަމަށެވެ. ހޮރްމޫޒު ނުހުޅުވައިގެން އެމެރިކާވެސް އިގްތިސާދީގޮތުން ފިތެނީއެވެ.

 

އެމެރިކާގެ ރައީސް ޓްރަމްޕް ދައްކަވާ ވާހަކަތަކާއި އަދި އަމަލުތައް މިހާރު ހުރިގޮތުން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށަން ތައްޔާރުވަމުންދާ ކަމަށް މަސްރަހް ދިރާސާކުރާ އެތައް ބަޔަކުވެސް ބުނަމުން އެބަ ގެންދެއެވެ.

 

ހަމަ އެގޮތަށް، އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް ދިނުމުގައި އެމެރިކާއަށް ހުރި ގޮންޖެހުންތަކުގެ ވާހަކަތައްވެސް ދައްކަމުން ގެންދެއެވެ.

 

އީރާނުގެ ވެރިންނާއި، އަސްކަރިއްޔާގެ ވެރިން ވިދާޅުވަނީ، ދުޝްމަނުންނާ ކުރިމަތިލުމަށް އީރާނުގެ ލަޝްކަރުތައް އޮތީ ފުރިހަމަ ތައްޔާރީގައި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!