ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ދުރުކުރުމަށް ޕާޓީގެ ތެރެއިން އިތުބާރު ނެގުމަށް މަސައްކަތް ކުރި ނަމަވެސް އެކަމަށް އެކަށީގެންވާ ތާއީދެއް ނުލިބުނުކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ދެއްކެވި ވާހަކަފުޅަކަށް ރައްދުދެއްވަމުންނެވެ.
ޝިޔާމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލު އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒު އިސްމާއިލްގެ އަތްޕުޅުގައި އޮތުމުން ރައީސް ނަޝީދު ކޮމްޕްރޮމައިސްވެފައިވާކަމަށެވެ.
އެހެން ނަމަވެސް ނަޝީދު ވަނީ އެކަމަށް އިންކާރުކުރައްވާފައެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު އިސްކޮށް ހުންނަވާ ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް މަަސައްކަތް ކުރައްވާފައިވާކަމަށެވެ. އަދި އެކަމަށްޓަކައި 12 މެމްބަރުންގެ ސޮއިވެސް ހޯއްދެވިކަމަށް ނަޝީދު ވިދާޅުވިއެވެ.
”އަލިފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު އިސްވެ ހުންނަވާ އަޅުގަނޑުގެ މައްޗަށް އިތުބާރު ނެތްކަމަށް މަސައްކަތްކުރި. އަދި މި މަޖިލީހުގެ 12 ވަރަކަށް އިއްޒަތްތެރި މެމްބަރުން އޭގައި ސޮއިވެސް ކުރެއްވި. ޔަގީންކޮށް އަރުވަން އެ އަދަދަކީ 12 ވަރަކަށް މެމްބަރުން“
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހުގެ އަގުލައްބިއްޔަތު މެމްބަރުންގެ ތައީދު އެމަނިކުފާނަށް އޮތްކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ. އަދި އެއްވެސް ހާލެއްގައި އެމަނިކުފާނު ކޮމްޕްރޮމައިސް ވެފައި ނުވާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.