އިރާނަށް ހަމަލާދޭ އެމެރިކާގެ އަސްކަރީ ސިފައިންގެ މީހަކު މެރި މީހަކަށް ނުވަތަ ހައްޔަރުކޮށްދިން ކޮންމެ މީހަކަށް 30,000 އެމެރިކާ ޑޮލަރާ އެއްވަރުގެ ފައިސާގެ އިނާމެއް އިރާންގެ އަސްކަރިއްޔާއިން އާދީއްތަ ދުވަހު އިއުލާނުކޮށްފި އެވެ.
މިކަން ކުރަނީ އަންހެނަކު ނަމަ މި އިނާމު ދެގުނައަށް އިތުރުކޮށްދޭނެ ކަމަށް ވެސް އަސްކަރިއްޔާއިން ބުންޏެވެ.
އިރާނުގެ ދައުލަތުގެ ނިއުސް އެޖެންސީ (އިރްނާ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަސްކަރިއްޔާގެ ވެރިޔާ އަާމިރު ހާތަމީ މި ޕްލޭން އެކުލަވާލާފައިވަނީ މާލީގޮތުން އެހީތެރިކަން ލިބޭ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އާންމުންގެ ފަރާތުން ގިނަ އަދަދެއްގެ ހުށަހެޅުންތައް ލިބެމުންދާތީ އެވެ.
”އިރާނަށް ހަމަލާދޭ އެމެރިކާގެ އަސްކަރީ މީހަކު މަރާލައި ނުވަތަ ހައްޔަރުކޮށްގެން ހަވާލުކުރާ ކޮންމެ މީހަކަށް 30,000 ޑޮލަރު ނުވަތަ 5 ބިލިއަން ތޯމަންއާ އެއްވަރުގެ އިނާމެއް އިރާންގެ އަސްކަރިއްޔާއިން ލިބޭނެ،“ ހާތަމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ”އީރާނުގެ ކެރޭ، ހިތްވަރުގަދަ އަންހެނަކު“ މިފަދަ އަމަލެއް ހިންގައިފި ނަމަ އިނާމު ދެ ގުނަކޮށް ލިބޭނެ ކަމަށެވެ.
މިހާރު ހިނގަމުންދާ ހަނގުރާމައިގައި އިރާނަށް އެއްގަމު މަގުން އެމެރިކާގެ ސިފައިން ފޮނުވާފައިވާ ކަމެއް އެނގިފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ އެޕްރީލް މަހު ވެއްޓުނު އެމެރިކާގެ ޖެޓެއްގެ ޕައިލެޓަކު ސަލާމަތްކުރުމަށް ހިންގި ރެސްކިއު މިޝަނެއްގައި އެމެރިކާ ސިފައިން އީރާނަށް އެރި އެވެ.
އެމެރިކާ ސިފައިން މެރުން ނުވަތަ ހައްޔަރުކުރުން ހިނގާނެ ކަމަށް ބެލެވޭ ތަނަކާއި ވަގުތާ ބެހޭ އެއްވެސް ތަފްސީލެއް ހާތަމީ ނުދެއްވަ އެވެ.
އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމަ ފެށުނީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ދިން ހަމަލާތަކަކަށްފަހު އެވެ. އޭގެފަހުން އެޕްރީލް މަހު ވަނީ 40 ދުވަހަށް ފަހު ހަމަލާތައް ހުއްޓާލައިފަ އެވެ. އަދި ޖޫން މަހު ސުލްހައިގެ މަޝްވަރާތަކަށް އެކުލަވާލި ފްރޭމްވޯކް ފަހުން ވަނީ ނާކާމިޔާބުވެފަ އެވެ. އޭގެ ފަހުން އިރާނާއި އެމެރިކާއިން ދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލުކުރަމުންދާއިރު، ބޮޑަށް ހަނގުރާމަ ހިނގަމުންދަނީ އީރާނުގެ ދެކުނާއި ހޮރްމޫޒު ކަނޑުއޮޅި ސަރަހައްދުގަ އެވެ.



