މައުމޫން ރަންޒަމާންގައި ތީމްގޭ، ގަނޑުވަރު ތެރެއާއި ގުޅިލާމެހި މުޅި ދައުލަތުގެ ބާރުވެރިކަމާއި އެކު ފެށި ވިޔަފާރި އާއި އެހެންވެސް ފެއްޓެވި ހުރިހާ ވިޔަފާރިއެއް ވެގެން ދިޔައީ ބަގުރޫޓެވެ. ދައްކަން މިއުޅެނީ ރައީސް ސޯލިހްގެ އިކޮނޮމިކް މިނިސްޓަރ އަދި ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒު އިސްމާއިލްގެ އިގްތިސާދީ ސިޔާސަތާއި އެކު ގައުމު ބޮޑުތަނުން ސޮއްސާލައި ބިއްގެޅެމުންދާ ވާހަކަ އެވެ.
ރައީސް މައުމޫންގެ ދަނބިދަރިފުޅު މިހާރުގެ މިނިސްޓަރ ޔުމުނާ މައުމޫނުގެ ފިރިކަލުންނާއި އެކުވެ، ރިސޯޓް ހެދުމުގެ ނަމުގައި އެތައް ރަށެއް ނެންގެވި އެވެ. އެރަށްތައް ރަހުނުކޮށް އެތައް މިލިޔަން ޑޮލަރެއްގެ ލޯނު ދުނިޔޭގެ އެކި ގައުމުތަކުގެ ބޭންކުތަކުން ނެގި އެވެ. އެހެންނަމަވެސް އެއްވެސް ރަށެއް އޮޕަރޭޝަނަށް ނުގެނެވި އޭރުވެސްވީ ބަގުރޫޓެވެ. މިއަދު ވެސް ދައުލަތަށް ލޯނު ނެނގުން ވަނީ އިންތިހާއަށް އިތުރުކޮށް ޔާ ހަބޭސް އަރުވާލާފަ އެވެ. މިފަހަރު ދަރުވާލާނީ ދިވެހި ގައުމާއި ރައްޔިތުންނެވެ.
ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒު ގެންދަވަނީ މިއަދުގެ ސަރުކާރުގެ އެންމެ ބާރު ގަދަ ވަޒީރުގެ ޓެގް އަޅުވައިގެން ފިނޭންސް މިނިސްޓްރީ އާއި އެހެންވެސް ރާއްޖޭ އިގްތިސާދީ ހުރިހާ ހަރަކާތްތަކެއް ކޮންޓުރޯލް ކުރަމުން ނެވެ. އެހެން ނަމަވެސް އަމިއްލަ ވިޔަފާރި ބަގުރޫޓުކޮށްލި ގޮތަށް ގައުމުގެ މުޅި އިގްތިސާދު މިދަނީ ތިރިއަށް ސޮއްސަމުންނެވެ.
ގައުމުގެ އިގްތިސާދީ ހުންގާނު ހިފަހައްޓަން ނޭނގި ތަކެތީގެ އަގު އިންތިހާއަށް ވަނީ އުފުލިގެން ގޮސްފަ އެވެ. މަސްވެރިން ބާނާ މަސް ކޮޅަށް ރަގަޅު އަގެއް ނުލިބެ އެވެ. ގައުމުގެ އިންފްލޭޝަން ހުއްޓުމެއް ނެތި އުފުލެމުންދާއިރު ޑޮލަރުގެ އަގު އަތް ނު ފޯރާ ފަށައް ވަނީ އުފުލިފަ އެވެ.
މިހާރުވެސް އެތައް ބިލިޔަން ރުފިޔާގެ ލޯނު ނަނގާފައިވާއިރު ގެއްލުމުގެ ބަދަލުގެ ނަމުގައި އަމިއްލަ ކުންފުންޏަށާއި ބޭބެ އިބްރާއަށް ވެސް ވަނީ ދައުލަތުން އެތައް މިލިޔަނެއް ދީފަ އެވެ. އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތްތަކަށް ބޮޑު އަގުގައި މަސައްކަތްތައް ދޭ ކަމަށް ތުހުމަތު ކުރެވޭއިރު ރާއްޖެއަށް އިންވެސްކުރަން އަންނަ މަދު ފަރާތްތަކަށް ކުރެވޭ ޑިމާންޑެއްގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ވަނީ ގެއްލިފަ އެވެ.
ރައީސް ނަސީދުގެ ވެރިކަމުގައި މިދެންނެވި ބޯގަންވިލާ ފައްޔާޒުގެ ބިގު ކުންފުނިންގ ހިންގާފައިވާ ބޮޑު ޖަރީމާގެ ބަދަލުގައި އެެއްވެސް ގާނޫނީ ބާރުވެރިކަމެއް ސަރުއީ ކޯޓުގެ ހުކުމެއް ނެތި 40 މިލިޔަން ރުފިޔާ ވަނީ ދިވެހި ދައުލަތުން އަތް ބާނާ ނަގައި ދިރުވާލާފަ އެވެ.
މިހާރު ފެންމަތިވެގެން އުޅޭ މައްސަލައަކީ ގ. މޫނިމާގެ ދިގުމުއްދަތަށް ނެންގެވުމަށް ފަހު އެތައް ރަހްނުކޮށް ނަގާފައިވާ 31 މިލިޔަން ރުފިޔާގެ ބޮޑު ލޯނެއް ނުދައްކައިގެން ކޯޓުން ހުކުމެވެ. މި ބޮޑު ލޯނު ނުދައްކައިގެން އެބިން ވިއްކާލާ ހިސާބަށް މައްސަލަ ގޮސްފައިވާއިރު، އެބިމުގައި ހަދަން ފަށާފައިވާ އިމާރާތުގެ ކޮންކްރިޓް މަސައްކަތް ވެސް އަދި ނުނިމެ އެވެ.
ގައުމުގެ އިގްތިސާދީ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒު މިއަދު މަސައްކަތްފަށާފައި ވަނީ ރައްޔިތުންގެ އަތުން ނަނގާ ޓެކްސް އިތުރުކޮށް ވިޔަފާރިވެރިން ފެލާލުމަށެވެ.
ދައުލަތުން ނަނގާ ޓެކްސް ބޮޑުވެ ބޭރުގެ އިންވެސްޓަރުންގެ ސައުގުވެރިކަން ގެއްލިގެން ގައުމު ބަގުރޫޓްވަމުންދާއިރު ވެސް އެ މަނިކުފާނު ޖައްސަވާ ހިސާބުން ގައުމުގެ އިގްތިސާދު އިންތިހާއަށް ރަގަޅެވެ.