މާލެ ސިޓީގެ މޭޔަރާއި ދެކޮޅަށް ސިޓީ ކައުންސިލް ތެރޭ ބަޣާވާތްކޮށް، މުޒާހަރާ ކުރުމަށް ސިޓީ ކައުންސިލްގައި މަސަތްކަތް ކުރާ އެމްޑީޕީ މެންބަރުން އެ ޕާޓީގެ ޗެއާޕާރސަން ފައްޔާޒު އިސްމާއިލް ގޮވާލައިފިއެވެ.
ސިޓީ ކައުންސިލް ތެރޭ މޭޔަރު އާދަމް އާޒިމް އާއި ދެކޮޅަށް ބަޣާޥަތްކޮށް، ހަޅުތާލުކުރަން އެމްޑީޕީގެ ޗެއާޕާރސަން ގޮވާލާފައި މިވަނީ އެމްޑީޕީ އިން އޮކްޓޫބަރު 3 ގައި ބޭއްވުމަށް މަސަތްކަތް ކުރަމުންދާ އިހުތިޖާޖަށް ތާއީދު ހޯދުމަށް މާލެތެރޭ ދަމާފައިވާ ބެނާތަކެއް އާދަމް އާޒިމްގެ އެންގުމަށް ކަނޑާލުމާއި ގުޅިގެންނެވެ.
ބޭނާ ކެނޑުމުގެ މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ސޯޝަލްމީޑިއާގައި މިހާރު ދައުރުވަމުންދާ އެ ގްރޫޕުގެ ޗެޓްލޮގްތަކުން ފެންނަ މެސެޖުތަކުގައި މޭޔަރު އާދަމް އާޒިމް އާއި މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ބައެއް މެންބަރުން ގޮވާލިއިރު، އާދަމް އާޒިމް ލައްވާ ކަނޑާލި ބެނާތައް އަލުން ދެމުވުމަށް ވެސް ބައެއް މެންބަރުން ވަނީ ގޮވާލާފައެވެ.



