މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމުގައި އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ
ދެންމެ | 28 އޯގަސްޓް 2026

ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން އިސްލާހު ކުރި ނަމަވެސް ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ބޭންކުތަކަށް މާރުކުރަން ލާޒިމުކުރާ ގޮތަށް މިދިޔަ ބުދަ ދުވަހު މަޖިލީހުން ފާސްކުރި އެ އިސްލާހަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާނެއެވެ. ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭ ގޮތަށް ބޭރު ފައިސާއިން އާމްދަނީ ހޯދާ ހުރިހާ ފަރާތަކަށް މި އިސްލާހު ހިނގާނެއެވެ.

އެ ބަދަލާއެކު ރިސޯޓު މުވައްޒަފުންގެ މުސާރަވެސް ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން ދޭން ރިސޯޓުތަކުން ނިންމައިފާނެ ކަމުގެ އަޑުތައް އަންނަނީ ފެތުރެމުންނެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން އެމްއެމްއޭގެ އޮފިޝަލަކު ވަނީ ގާނޫނަށް ބަދަލު ގެނައި ނަމަވެސް ޑޮލަރުން މުސާރަދޭން ހުރަހެއް ނެތް ކަމަށެވެ.

”ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނުގައި އޭރުވެސް އަދި މިހާރު ވެސް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް. ޒަމާނުއްސުރެ އުފެދިފައިވާ ބޮޑު ޑޮލަރުގެ ކަޅު ބާޒާރުގެ ސަބަބުން ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެ ޑޮލަރު ލިބުން ދަތިވުމާ ގުޅިގެން މަރުކަޒީ ބޭންކުން ވަނީ އެކަން ހައްލުކުރުމަށްޓަކައި ތަންފީޒީ ފިޔަވަޅުތަކެއް ފޮރެކްސް ގާނޫނުގެ ދަށުން އަޅާފަ“ ކަމަށެވެ.

އެމްއެމްއޭގެ އޮފިޝަލް ހާމަކުރެއްވި ގޮތުގައި އެތެރޭގެ މުޢާމަލާތްތައް ރުފިޔާއަށް ބަދަލުކުރާނީ ބޭނުންވާ މެކްރޯ އިސްލާހުތައް ތަންފީޒުކޮށް އިޤުތިޞާދަށް އަންނަ ބަދަލުތައް ފުރިހަމައަށް ދިރާސާކުރުމަށް ފަހުއެވެ.

ގަވަރުނަރު އަހުމަދު މުނައްވަރު މިމަހުގެ 24 ވަނަ ދުވަހު ހާމަކުރެއްވި ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމާއި އިޤުތިޞާދުގައި ޑޮލަރު ބޭނުންކުރާ މިންވަރު މަދުކުރުމުގެ ދުރުރާސްތާ ތަސައްވުރެއް އެކުލަވައިލާފައި އޮތެވެ.

އެގޮތުން ވިދާޅުވީ ރާއްޖޭގައި ވިއްކާ ހުރިހާ މުދަލަކާއި ޚިދުމަތެއްގެ އަގު ރުފިޔާއިން ކަނޑައެޅުމަކީ މަރުކަޒީ ބޭންކުގެ އަމާޒެއް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ އަގުތައް އެއްކޮށް ރުފިޔާއަށް ބަދަލުކުރުމުގެ ކުރިން ސިޔާސަތުތަކާއި ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭކަމަށް ވިދާޅުވިއެވެ. އެގޮތުން ދައުލަތަށް ޑޮލަރުން ދައްކާ ޓެކްސްތަކާއި ފީތައް މުރާޖަޢާކޮށް ރުފިޔާއިން ބަލައިގަންނަ ގޮތް ހެދުމާއި ބޭރު ފައިސާއިން މުސާރަ ދެވޭ ގޮތަށް އޮތް އުސޫލުތައް ވެސް މުރާޖަޢާ ކުރާނެ ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!