ހުޅުމާލޭ ފްލެޓްތަކަށް 37 ޕަސެންޓް މީހުން ކުލި ނުދައްކާ: ވޯލްޑް ބޭންކް
ދެންމެ | 14 އޮކްޓޯބަރ 2022

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފްލެޓްތަކުން ކުލި ނުދައްކާކަމަށް ވޯލްޑް ބެންކުގެ ރިޕޯޓެއްގައި ހާމަކޮށްފިއެވެ.

ވޯލްޑް ބެންކުގެ ރާއްޖޭގެ ޑިވަލޮޕްމަންޓް އަޕްޑޭޓް ރިޕޯޓްގައިވާ ގޮތުން ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 6720 ހިޔާ ފްލެޓްގެ ތެރެއިން 6338 ފްލެޓްގައި މީހުން ދިރިއުޅެމުންދާއިރު، އޭގެތެރެއިން 37 އިންސައްތަ ފްލެޓުން ކުއްޔެއް ނުދައްކައެވެ. އެއީ 2345 ފްލެޓެވެ.

ރިޕޯޓްގައިވާ ގޮތުން ފުރަތަމަ ފޭހުން ދޫކޮށްފައިވާ 2469 ފްލެޓެއްގައި މީހުން ދިރިއުޅޭއިރު އޭގެތެރެއިން 816 ފްލެޓަކުން ކުލި ނުދައްކައެވެ. އެއީ ގާތްގަނޑަކަށް 33 އިންސައްތަ ފްލެޓެވެ.

ވޯލްޑް ބެންކުން ބުނާގޮތުން ފްލެޓްތަކުން ކުލި ނުލިބޭއިރު، އެޗްޑީސީން ފްލެޓް އެޅުމަށް ނަގާފައިވާ ލޯނުތަކުގެ ސަބަބުން ކުންފުނީގެ މާލީ ހާލަތަށް ދަނީ އަސަރުކުރަމުންނެވެ. އަދި ހިޔާ މަޝްރޫއަަކީ އަގުބޮޑު، އަދި އެ މަޝްރޫއަށް ނެގި ދަރަނީގެ ތަކުލީފު ވެސް ބޮޑު މަޝްރޫއެއްކަމަށާއި، އެ މަޝްރޫޢަށް ޖުމްލަ 10.5 ބިލިއަން ރުފިޔާ ހަރަދުވެފައިވާނޭ ކަމަށްވެސް ރިޕޯޓްގައިވެއެވެ.

ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކަށް ކުލި ނުދައްކާކަމަށް ވޯލްޑް ބެންކުން ބުނެފައިވާއިރު ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ސަރުކާރުން ދީފައިވާ ގިނަ ފްލެޓްތަކަށް ގަވާއިދުން ކުލި ނުދައްކާކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް ވަނީ ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން 31 އިންސައްތައާއި 41 އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުން ގަވާއިދުން ކުލި ދައްކަމުން ނުދާ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ހައުސިންގ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާނަމަ، ފްލެޓްތަކަށް މަހުން މަހަށް ފައިސާ ދައްކަންޖެހޭކަން އަސްލަމް ފާހަގަކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ މީގެކުރިން 2000 ގެ ކުރީކޮޅު ސަރުކާރުން އަޅާފައިވަނީ 100 އެއްހާ ފްލެޓް ކަމަށާއި އޭރު ފައިސާ ނުދައްކާ މީހުންގެ އަދަދު 40 ޕަސެންޓަށް އެރިޔަސް އެއީ ސަރުކާރަށް މާބޮޑު ބުރައެއް ނޫންކަމަށެވެ. ނަމަވެސް މިހާރު ރާއްޖޭގައި އެތައް ހާހަކުން ފްލެޓްތައް އަޅަމުންދާއިރު 40 އިންސައްތައެއްހާ މީހުން ގަވާއިދުން ފައިސާ ނުދައްކާ ނަމަ އެކަން ސަރުކާރަށް ދެކޮޅު ނުޖެއްސޭނެކަމަށް އަސްލަމް ވިދާޅުވިއެވެ.

ފްލެޓްތައް ލިބުނު ފަރާތްތަކުން ފްލެޓްތަކަށް ފައިސާ ނުދައްކާކަން އަސްލަމް ފާހަގަކުރެއްވިއިރު ”ހިޔާ“ މަޝްރޫއުން ފްލެޓް ލިބުނު ބައެއް ފަރާތްތައްވެސް ވަނީ ކުލި ބޮޑުކުރުމުން ކުލި ދެއްކުމަށް ދެކޮޅު ހަދާފައެވެ.

ހިޔާ ފްލެޓްތަކުގެ އިތުރުން، މާލެއާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށްވެސް ބައެއް ފަރާތްތަކުން ގަވާއިދުން ފައިސާ ނުދައްކާކަން ސަރުކާރުން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!