ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއިއެކު މަސައްކަތް ކުރައްވަން ބޭނުންފުޅު ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ރައީސް ޞާލިޙް ބައްދަލުކޮށްލެއްވުމަށް މާދަމާ ކ. އާރަށުގައި ބާއްވާ ފަރީއްކޮޅަކަށް ގައުމީ މަޖިލީހުގެ މެންބަރުންނަށް ދައުވަތު އަރުވައި، ބޭފުޅަކު ފޮނުއްވި މެސެޖަކާއި ގުޅިގެން ރާއްޖޭން ބޭރުގައި ހުންނަވާ ރައީސް ނަޝީދު ވިދާޅުވީ، އެ ދުވަހު މާލޭގައި ހުންނެވި ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ.
”ރައީސް އަޅުގަނޑާ ވާހަކަ ދައްކަވާ އެކީ ކަންކަން ކުރައްވާކަށް ބޭނުންފުޅެއް ނުވޭ. ވީމާ އަޅުގަނޑުވެސް ދެން ބޭނުމެއް ނޫން.“ ރައީސް ނަޝީދު ގުރޫޕްގައި ލިޔުއްވާފައިވެއެވެ.
ރައީސް ނަޝީދު މިމޭރުމުން އަނެއްކާވެސް ވާހަކަފުޅު ދައްކަވާފައި މިވަނީ، ބޮޑެތި ހިޔާލުތަފާތުވުންތަކެއް އޮއްވާ ބޭއްވި އެމްޑީޕީގެ ކޮންގްރެސް ނިންމާލަމުން ދެ ރައީސުން ވެސް އެއްގަލަކަށް އެރުއްވިފަދަ ގޮތަކަށް މަންޒަރު ފެނުމަށްފަހު އޭގެފަހުން އެފަދަ ބަސްފުޅެއް ވިދާޅުނުވެ ގިނަ ދުވަސްތަކެއްވަންދެން ހުންނެވުމަށްފަހުއެވެ.
ރައީސް ޞާލިޙާއި ރައީސް ނަޝީދާއި ދެމެދު އުފެދިފައިވާ އެންމެބޮޑު ހިޔާލުތަފާތުވުމަކީ ބަރުލަމާނީ ނިޒަމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ މައްސަލައެވެ. ރައީސް ނަޝީދު ގަބޫލުފުޅު ކުރަށްވާ ގޮތުގައި ބަރުލަމާނީ ނިޒާމާއިމެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ވޯޓަކަށް ދިއުމަކީ އެމްޑީޕީން ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.