ކެޕްޓަން އަމީން މޯލްޑިވިއަން އިން އަލުން ވަޒީފާ ދޭން ހުކުމް ކޮށްފި
ދެންމެ | 29 ޖޫން 2022

ދެހާސް ނަވާރަ ވަނަ އަހަރުގެ ތެރޭ މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުން ވަކިކުރި، މުހައްމަދު އަމީން އަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން މޯލްޑިވިއަންގެ މައްޗަށް ހުކުމް ކޮށްފި އެވެ.

މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުން އަމީން ވަކިކުރުމުން އޭނާ ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ. އޭނާ ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، އޭނާ ވަޒީފާއިން ވަކިކުރީ، އޭނާ އާއި އެކު ވެފައިވާ ވަޒީފާގެ އެއްބަސްވުމާއި ހިލާފަށް ކަމަށެވެ.

އަމީން މޯލްޑިވިއަންގެ ވަޒީފާއިން ވަކިކުރި އިރު، މޯލްޑިވިއަންގެ ބައެއް ޕައިލެޓުން ވަނީ އަމީން އާއި ދެކޮޅަށް އިހުތިޖާޖު ވެސް ކޮށްފަ އެވެ.

މިކަމާއި ގުޅިގެން ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ، މޯލްޑިވިއަންގެ ވަޒީފާއިން އަމީން ވަކިކުރީ، ގޯސްކޮށް ކަމަށާއި، އެހެން ކަމަށްވާތީ، 15 ދުވަހުގެ ތެރޭ އޭނާ ކުރިން ހުރި މަގާމު ނުވަތަ އެ މަގާމާއި އެއް ފެންވަރެއްގެ މަގާމެއް ދިނުމަށެވެ. އަދި އަމީން ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާއި، ހަމައަށް އޭނާއަށް ލިބެންޖެހޭ މުސާރައާއި އިނާޔައްތައްވެސް އޭނާ އަށް ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އެ މުއްދަތުގެ ތެރޭ އަމީން އެހެން ވަޒީފާއެއް އަދާކޮށްފައި ވާނަމަ، އެ ފައިސާ އުނިކުރަން ޖެހޭނެ ކަމަށެވެ.

ކޯޓުގައި މޯލްޑިވިއަންގެ ފަރާތުން ވާހަކަ ދައްކަމުން ބުނީ، އަމީން، ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަގާމުން ވަކިކުރުމަށްފަހު އޭނާ އާއަށް އެހެން ޒިންމާއެއް ހަވާލުކުރާނެ ކަމަށް އަންގާފައި ވާކަމަށާއި، އެހެން ނަމަވެސް އޭނާ ވަޒީފާއަށް ހާޒިރު ނުވުމުން 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭ އޭނާ ވަޒީފާއިން ވަކިކުރީ ކަމަށެވެ.

އެހެން ނަމަވެސް ކޯޓުން ވަނީ އަމީން އަށް އެހެން ވަޒީފާއެއް ހަވާލު ކޮށްފައި ވާކަމަށް މޯލްޑިވިއަން އަށް ސާބިތު ކޮށްދެވިފައި ނުވާކަމަށާއި، އެހެން ކަމުން، އަމީން ވަޒީފާއިން ވަކިކުރީ، ވަޒީފާއަށް ހާޒިރު ނުވުމުން ކަމަށް ބުނުން ރަނގަޅު ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް