ބީޓީއެސް ބޭންޑް ކޮރެއާ ސިފައިން ގެއަށް ވަންދަނީ
ދެންމެ | 19 އޮކްޓޯބަރ 2022

ބީޓީއެސް މެނޭޖުކުރާ ބިގް ހިޓް މިއުޒިކް އިން ބުނީ ބޭންޑުގެ ހަރަކާތްތައް ދެން ފަށާނީ 2025 ވަނަ އަހަރު ކަމަށެވެ.

މިއާ އެކު، އަސްކަރީ ހިދުމަތުން ބީޓީއެސް އިސްތިސްނާކުރުމާ ބެހޭގޮތުން ކުރެވެމުން އައި ބަހުސް ނިމުމަކަށް އައީ އެވެ.

ބީޓީއެސްގެ ހަތް މެންބަރުންގެ ތެރެއިން އެންމެ ފުރަތަމަ އަސްކަރީ ހިދުމަތާ ގުޅޭނީ އެންމެ ދޮށީ މެމްބަރު ޖިން އެވެ.

ވޯލްޑް އެކްސްޕޯ 2030 ކޮރެއާގެ ބުސާންގައި ބޭއްވުމުގެ ފުރުސަތު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ސިޓީގައި ކުރިއަށް ގެންދިޔަ އިވެންޓެއްގައި މިދިޔަ ހަފްތާބަންދުގައި ބީޓީއެސް އިން ޕާފޯމްކޮށްފައިވެ އެވެ. ނަމަވެސް އަސްކަރީ ހިދުމަތަށް ދިޔުމުގެ ނިންމުމާ އެކު، ކުރިއަށް ދެން ރާވާފައި ހުރީ ބޭންޑް މެމްބަރުންގެ ވަކިވަކި ހަރަކާތްތައް ކަމަށް ބީޓީއެސް މެނޭޖުކުރާ ކުންފުނިން ބުންޏެވެ.

ޖިންގެ ފުރަތަމަ ސޯލޯ އަލްބަމް މި މަހު ރިލީޒް ކުރާނެ އެވެ. ޖިން އަށް ފަހު އެހެން މެންބަރުން ވެސް ސޯލޯ އަލްބަމް ނެރޭނެ ކަމަށްވެ އެވެ.

ދެކުނު ކޮރެއާގައި ފިރިހެނުން 18-21 މަހުގެ މުއްދަތަކަށް އަސްކަރިއްޔާއަށް ހިދުމަތްކޮށްދިނުން ގާނޫނީ ގޮތުން ލާޒިމްކުރެ އެވެ. ނަމަވެސް، ގައުމަށް ޝަރަފް ލިބޭ ބައިނަލްއަގުވާމީ ބައެއް މުބާރާތްތަކުގައި ވަނަތައް ހޯދާ ކުޅުންތެރިންނާއި ފަންނާނުން އެކަމުން އިސްތިސްނާކޮށްދެ އެވެ.

އޭޝިއާގައި ބޮޑު މަގުބޫލުކަމެއް ހޯދުމަށް ފަހު، 2020 ވަނަ އަހަރު ނެރުނު ހިޓް ލަވަ ’ޑައިނަމައިޓް‘ އާއެކު، ބީޓީއެސް ހުޅަނގުގެ ގައުމުތަކުގައި މަޝްހޫރުވެ ބައިނަލްއަގުވާމީ ރެކޯޑްތައް ވަނީ ހަދައިފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިޔަ އޯޑިއެންސްތަކަށް ޝޯތައް ދީފައިވާ ބޭންޑަށް އދ.ގެ ބައްދަލުވުންތަކުގައި ވާހަކަ ދެއްކުމަށް ވެސް ދައުވަތު ދީފައިވެ އެވެ.

ހިއުންޑައި ރިސާޗް އިންސްޓިޓިއުޓުން 2018 ވަނަ އަހަރު ބުނެފައިވާ ގޮތުގައި ބީޓީއެސް އިން ކޮންމެ އަހަރަކު ދެކުނު ކޮރެއާގެ އިގްތިސާދަށް 3.6 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ވައްދަ އެވެ. އެއީ މެދު ސައިޒުގެ 26 ކުންފުންޏާ އެއްވަރުގެ އަދަދެކެވެ. އަދި 2017 ވަނަ އަހަރު ދެކުނު ކޮރެއާއަށް ޒިޔާރަތްކުރި ކޮންމެ 13 ފަތުރުވެރިއެއްގެ ތެރެއިން އެކަކު އެ ގައުމަށް ދިޔައީ ބީޓީއެސްގެ ސަބަބުން ކަމަށާއި އޭގެ އިތުރުން، ބީޓީއެސްގެ މާޗެންޑައިޒް އާއި ކޮސްމެޓިކްސް ފަދަ ތަކެތި އެކްސްޕޯޓްކޮށްގެން އަހަރަކު 1.1 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ވެސް ހިއުންޑައިގެ ދިރާސާވެރިން ބުނެފައިވެ އެވެ.

ބީޓީއެސްގެ މެމްބަރުން އަސްކަރީ ހިދުމަތަށް ނެރުމާ މެދު ކޮރެއާގައި ވަރަށް ބޮޑަށް ބަހުސް ކުރެވެމުން އައީ، ޑިސެމްބަރު މަހު 30 އަހަރު ފުރޭ ޖިން އަންނަ އަހަރުގެ ކުރީކޮޅު އަސްކަރިއްޔާއާ ގުޅެން މަޖުބޫރުވުމުގެ ފުރުސަތު އޮތުމުންނެވެ. އަސްކަރީ ހިދުމަތަށް ނުކުތުން ފަސްކުރެވޭނީ 30 އަހަރު ފުރެންދެނެވެ. ބޭންޑުގެ އެހެން މެމްބަރުންގެ އުމުރު 25 އަހަރާއި 29 އަހަރާ ދެމެދުގައި އުޅޭ އިރު، ސުގާއަށް މާޗް މަހު 30 އަހަރު ފުރޭނެ އެވެ.

އަސްކަރީ ހިދުމަތާ ގުޅުމަށް ފަހު ޖިން އާއި ބީޓީއެސްގެ އެހެން މެމްބަރުން އެ މީހުންގެ ޔުނިޓުތަކާ ގުޅި، ޒިންމާތަކާ ހަވާލުވުމުގެ ކުރިން ފަސް ހަފްތާގެ ކޮމްބެޓް ޓްރެއިނިން ހަދާނެ ކަމަށް ކަމާބެހޭ އޮފިޝަލުން ވަނީ ބުނެފަ އެވެ. އެ މީހުން އުޅޭނީ ހިދުމަތަށް ނުކުންނަ އެހެން މީހުންނެކޭ ވެސް އެއްގޮތަށް ކަމަށް ވެސް އޮފިޝަލުން ބުންޏެވެ.

އަސްކަރީ ހިދުމަތަށް ނެރެމުކީ ޒުވާން ފިރިހެނުންގެ ޕްރޮފެޝަނަލް ކެރިއަރު ނުވަތަ ކިޔެވުން މެދުކެނޑިގެންދާ ކަމަކަށްވާ އިރު، އެއް ބަޔަކު އެކަމުން ރެކިގަންނަން އުޅުން ނުވަތަ އިސްތިސްނާތައް ދިނުމަކީ ކޮރެއާގައި ވަރަށް ނާޒުކު މައްސަލައެކެވެ. ފާއިތުވި ހަފްތާތަކުގައި ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާ ގޮތުގައި ބީޓީއެސްގެ މެމްބަރުން އަސްކަރިއްޔާގައި ހިދުމަތް ކުރުމާ މެދު މެދު އާންމުން ވަނީ ދެބައިވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!