މިފްކޯއަށް 7.1 ބިލިޔަނުގެ މަހުން ލިބުނީ 6.9 ބިލިޔަން: އޮޑިޓަރ ޖެނެރަލް
ދެންމެ | 19 އޮކްޓޯބަރ 2022

2016 އިން 2021 އަށް މިފްކޯއަށް 1 ބިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް މިކަން ހާމަކޮށްފައިވަނީ 2016 އިން 2021 ވަނަ އަހަރަށް މިފްކޯގެ މާލީ ހާލަތާއި ގުޅޭގޮތުން ނެރެފައިވާ ހާއްސަ އޮޑިޓް ރިޕޯޓެއްގައެވެ.

އޮޑިޓަަރ ޖެނެރަލްގެ ރިޕޯޓުގައި ބުނީ 2016 އިން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް މިފްކޯއަށް އާމްދަނީގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ލިބުނުއިރު، އެ މުއްދަތުގައި މަސް ގަތުމަށާއި އަދި އުފެއްދުމަށް ސީދާ ހިނގި ހަރަދު 7.1 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށެވެ.

އެހެންކަމުން ހިންގުމުގެ ހަރަދާއި އެހެނިހެން ހަރަދުތަކާއެކު މިފްކޯއަށް 1.072 ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

މިފްކޯގެ ގެއްލުމުގެ އަގު މިހާރު 1.3 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކުންފުނީގެ ހުރި ހަރަދު މުދަލުގެ އަގަށްވުރެ ކުންފުނީގެ ދަރަނި ވަނީ 955 މިލިއަން ރުފިޔާއިން އިތުރުވެފައިކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

ކުންފުންޏަށް ގެއްލުންވަމުންދިޔަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މިފްކޯއަށް މަސް ގަތުމަށް ސަރުކާރުން ކަނޑައަޅާ ރޭޓަކީ ބޭރުގެ މާކެޓަށް މަސް ވިއްކެން ހުންނަ އަގާއި ބަލާއިރު ނިސްބަތުން ބޮޑު އަގަކަށްވުން ހިމެނެއެވެ.

މިފްކޯއަށް ގެއްލުންވަމުން ދިއުމާއި ގުޅިގެން ދައުލަތުގެ ބަޖެޓުން 2016 އިން ފެށިގެން 2021 ވަަނަ އަހަރަގެ ނިޔަލަށް ޖުމްލަ 701 މިލިއަން ރުފިޔާ މިފްކޯއަށް ދޫކޮށްފައިވާކަމަށް ރިޕޯޓްގައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!