ޓްރާންސްޕޯޓް މިނިސްޓްރީން، ސިވިލް ކޯޓުގެ ކިބައިން މައާފަށް އެދުމަށް މުހްތާޒް ގޮވާލައްވައިފި
ދެންމެ | 22 އޮކްޓޯބަރ 2022

ކޯޓު އަމުރު ނެރުނު ނަމަވެސް ރަޖިސްޓްރީތައް ބާތިލް ކުރާނެ ކަމަށް ބުނެ ކޯޓު ހުކުމަށް ގޮންޖެހި  މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރީ މައާފަށް އެދެން ޖެހޭ ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.

މަސްހޫރު ގާނޫނީ ވަކީލް މުހްތާޒް ވިދާޅުވީ ޒީރޯ ޓޮލަރެންސް ސިޔާސަތެއް ތަންފީޒު ކުރުމަކީ ކޯޓު އަމުރަށް ގޮންޖެހޭނެ ސަބަބެއް ނޫން ކަމަށެވެ.

ކުރިން ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައިވާ މުހުތާޒް ވިދާޅުވީ ކޯޓު އަމުރަށް ކިޔަމަން ޖެހޭނެ ކަމަށާއި އެއީ ބަހުސެއް ވެސް އޮތް ކަމެއް ނޫން ކަމަށެވެ.

ގަވައިދާ ހިލާފަށް ރަޖިސްޓްރީކުރި އުޅަނދުތަކެއްގެ ރަޖިސްޓްރީ ބާތިލުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފައި އޮތް ނަމަވެސް، މިނިސްޓްރީއަށް ބާތިލުކުރަން ފެންނަ ރަޖިސްޓްރީތައް ބާތިލު ކުރަމުންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ސެޕްޓެމްބަރު މަހުން ފެށިގެން ވަރަށް ގިނަ އަދަދެއްގެ އުޅަނދުފަހަރުގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބާތިލްކޮށްފަ އެވެ. އެކަމާ ގުޅިގެން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެފައިވަނީ ބާތިލް ކުރަނީ ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ އެވެ. ނަމަވެސް, އޭގެ ތެރެއިން ބައެއް މީހުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން, ރަޖިސްޓްރީ ބާތިލްކުރަން މަޑުޖައްސާލަން ވަނީ އަމުރެއް ނެރެފަ އެވެ.

އެ މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު ހަމަދު އަބްދުލްޣަނީ ވިދާޅުވި ގޮތުގައި, މި ސަރުކާރުން ކޮރަޕްޝަނަށް އޮތީ ޒީރޯ ޓޮލެރެންސް ކަމަށާއި ކޮރަޕްޝަން ނައްތާލުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!