ފުރަތަމަ ދައުރުގެ މީޑިޔާ ކައުންސިލް މެމްބަރުން ލިވިންގ އެލަވަންސް އެއް ނުނަގާ، އެކަމު ލިބުނު ފައިސާ ދައްކަން ޖެހޭ: ސްޕްރީމް ކޯޓު
ދެންމެ | 26 އޮކްޓޯބަރ 2022
މީޑިއާ ކައުންސިލްގެ 10 މެމްބަރަކު 2011 ވަނަ އަހަރު ނެގި ލިވިންގް އެލަވަންސް އަނބުރާ ދެއްކުމަށާއި އިތުރަށް އެލަވަންސް ނުނެގުމަށް އަންގާފައިވަނިކޮށް އެ އެންގުމާ ހިލާފުވި މެމްބަރުންގެ މައްޗަށް ދައުލަތުން ދައުވާ އުފުލި އެވެ.

2011 ވަނަ އަހަރު މީޑިއާ ކައުންސިލްގެ ބަޖެޓުގައި ހިމަނާފައި އޮތް ލިވިން އެލަވަންސްގެ ފައިސާ، އެ ބަޖެޓްގައި ހިމަނާ ފާސްކޮށްފައިވަނީ، ކައުންސިލްގެ މެމްބަރުންނަށް ދެވޭ ލިވިން އެލަވަންސްގެ ގޮތުގައި ކަމަށް އެ ކައުންސިލުގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމި އެވެ.

އެ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 7،500ރ. ކޮންމެ މެމްބަރަކަށް މުސާރައާއެކު ޖަމާކުރަން ފެށި އެވެ.

އެއީ މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެލަވަންސަކަށް ނުވާތީ، އެ އެލަވަންސް ދިނުން ހުއްޓާލަން އޭސީސީން 20 އޭޕްރީލް 2011 ގައި އެންގި އެވެ.

ނަމަވެސް 18 އޯގަސްޓް 2011 ގައި ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި، އެ މުއްދަތުގައި ނުނަގާ ހުރި ލިވިން އެލަވަންސް ގަނޑުކޮށް ނަގަން ނިންމި އެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލި މެމްބަރުންގެ ތެރޭގައި އާޒިމް ހިމެނެ އެވެ. އާޒިމް ގާނޫނާ ހިލާފަށް ކުރި އަމަލެއްގެ ގޮތުގައި ދައުލަތުން ބުނާ އަމަލަކީ، ރައްޔިތުންގެ މަޖިލިހުން މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ދިނުމަށް ފާސްކޮށްފައި ނުވާ ލިވިން އެލަވަންސްގެ ފައިސާ ހިމަނައިގެން މުސާރަ ޝީޓް ހެދުމަށް މީޑިއާ ކައުންސިލުން ނިންމި ނިންމުމުގައި ބައިވެރިވެ، 2011 ޖެނުއަރީ މަހުން ފެށިގެން ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 7500ރ. ނެގުމެވެ.

އެގޮތުން އާޒިމް މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ހުރެ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ލިވިން އެލަވަންސްގެ ގޮތުގައި 67،500ރ. ނަގާފައިވާ ކަމަށް ބުނެ، އެ ފައިސާ ހޯދަން ދައުލަތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ.

ނަމަވެސް އާޒިމް ވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަށް އިންކާރުކޮށްފަ އެވެ. ލިވިން އެލަވަންސްގެ ފައިސާއަކީ ރައްޔިތުންގެ މަޖިލީހުން މެމްބަރުންނަށް ދިނުމަށް ފާސްކޮށްފައިވާ ފައިސާއެއްކަން 2011 ވަނަ އަހަރު މަޖިލިހުން ފާސްކޮށްފައިވާ މީޑިއާ ކައުންސިލުގެ ބަޖެޓުން އެނގޭ ކަމަށެވެ.

އެ ހާލަތުގައި މާލިއްޔަތުގެ ގާނޫނާއި ގަވާއިދުގެ މާއްދާތަކާ ހަވާލާދީ އޭނާގެ މައްޗަށް ދައުވާ އުފުލިގެން ނުވާނެ ކަމަށް

އެ ފައިސާއަކީ އޭނާ ”ނެގި“ ފައިސާއެއް ކަމުގައި ނުބުނެވޭނެ ކަމަށެވެ. އޭނާ ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

ރައްދުގައި ދައުލަތުން ބުނީ، މީޑިއާ ކައުންސިލްގެ މެމްބަރުންނަށް ލިވިން އެލަވަންސެއް ދިނުމަށް މަޖިލީހުން ފާސްކޮށްފައި ނުވާކަމަށެވެ.

ސިވިލް ކޯޓުން ނިންމީ ދައުލަތުން އާޒިމްގެ މައްޗަށް ކުރި ދައުވާ ސާބިތުވާ ކަމަށާއި ލިވިން އެލަވަންސްގެ ގޮތުގައި އޭނާއަށް ލިބިދީފައިވާ ފައިސާ އަނބުރާ ދައްކަން ޖެހޭނެ ކަމަށެވެ. ހައި ކޯޓުން ވެސް ވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ. އެހެންކަމުން، އާޒިމްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމައި، ފަނޑިޔާރު މަހާޒު އަލީ ޒާހިރު ލިޔުއްވި ރައުޔުގައި ވިދާޅުވީ، އާންމު އިދާރީ ހިންގުމުގެ ތެރެއިން ބަޖެޓްގައި ހިމެނިފައިވާ ފައިސާއެއް ހަރަދު ކުރުމާ މެދު މެމްބަރުން ގޮތެއް ނިންމުމަކީ ގާނޫނު މަނާކުރާ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

މަހާޒުގެ ރައުޔަށް ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ތާއީދުކުރެއްވި އެވެ.

ސުޕްރީމް ކޯޓުން ބުނީ ވަކި ކަމަކަށް ބަޖެޓްގައި ފައިސާ ކަނޑައަޅާފައި އޮތް ކަމުގައި ވިޔަސް އެކަމަކީ އާންމުކޮށް ހިނގާ ކަމަކަށް ނުވާ ނަމަ، އެ ކަމެއް ފެށުމުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ލިޔެގެން ހުއްދަ ހޯދުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުން ލާޒިމު ކުރާ އިރު، އެ ހުއްދަ ހޯދުމުގެ ޒިންމާ ލާޒިމު ކޮށްފައިވަނީ ޒިންމާދާރު ވެރިޔާ ނުވަތަ މާލީ ޒިންމާދާރު ވެރިޔާއާ ކަމަށެވެ.

”ވުމާ އެކު، ދައުލަތުގެ ދައުވާގައި ހަވާލާދީފައިވާ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ މާއްދާތަކާ ޚިލާފަށް މި މައްސަލައިގައި މުހައްމަދު އާޒިމް އަބްދުލްހާދީ ކުރި އަމަލެއް ނުވަތަ ނުކޮށް ދޫކޮށްލި އަމަލެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ،“ މަހާޒު ވިދާޅުވި އެވެ.

އެހެންކަމުން، އާޒިމް ގާނޫނާ ހިލާފަށް އަމަލުކުރައްވާފައިވާ ކަމަށް ހައި ކޯޓުން ނިންމީ އުސޫލުތަކާ އެއްގޮތަށް ނޫން ކަމަށް ތިން ފަނޑިޔާރުން އިއްތިފާގުވެވަޑައިގަތެވެ.

އެ ނިންމުމަށް ވާސިލުވުމަށް ބުރަވެވަޑައިގެންނެވި މުހިންމު އެއް ސަބަބު ކަމުގައި މަހާޒު ފާހަގަކުރެއްވީ، މައްސަލައިގައި ދެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، މީޑިއާ ކައުންސިލުން ލިވިން އެލަވަންސް ދިނުމަށް ނިންމި ނިންމުމަކީ ކޮބައިކަން ސާފުނުވުމެވެ. މަހާޒު ވިދާޅުވީ އެ ކައުންސިލުން އެކަމާ މެދު ނިންމި ގޮތެއް، އެ ނިންމުން ނިންމި ޖަލްސާގެ ނުވަތަ ބައްދަލުވުމުގެ ޔައުމިއްޔާ ފަދަ ލިޔުމެއް މައްސަލައިގެ ލިޔުންތަކުގެ ތެރޭގައި ނުހިމެނޭ ކަމަށެވެ.

”މިފަދަ ހެކި ހުރެ، އެއިން ހެއްކަކުން ދައުލަތުގެ ދައުވާއަށް ބާރުލިބޭ ނަމަ މި ނުކުތާއާ މެދު އިތުރު ގޮތަކަށް ވިސްނުމުގެ ފުރުސަތު އޮތީހެވެ،“ މަހާޒު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!