ޑިސެމްބަރު މަހު ސަރުކާރުގެ ތިން އޮފީހެއް ހުޅުމާލެއަށް
ދެންމެ | 26 އޮކްޓޯބަރ 2022

ސަރުކާރުގެ އޮފީސްތައް ހިންގުމަށް ހުޅުމާލޭގައި އިމާރާތްކުރާ އިމާރާތަށް އަންނަމަހު ސަރުކާރުގެ 3 އޮފީހެއް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.

ހުޅުމާލޭގައި ސަރުކާރުގެ އޮފީސްތައް ހިންގާނެ އިމާރާތެއް ބިނާކުރުމުގެ މަސައްކަތަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއް ކޮށްގެން، އަމިއްލަ ތަންތަނުގައި މުއްދަތެއް ނެތް ގޮތަށް ކުއްޔަށް ހިފައިގެން އުޅެން ޖެހޭތީ އެކަމަށް ހައްލެއް ގެނައުމަށެވެ.

6 ބުރީގެ މި އިމާރާތް ބިނާކުރުމުގެ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ. ޗައިނާގެ ހުނާން އިންޖީނިއަރިންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 185 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ އަންނަ މަހު އެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށެވެ. އަދި ޑިސެމްބަރުމަހު އިމާރާތް ބޭނުންކުރަން ފަށާއިރު 6 ބުރީގެ އެ އިމާރާތުގައި 3 މިނިސްޓްރީއެއް ހިންގާނެކަމަށް މިނިސްޓްރީން ބުނެއެވެ.

އެ އިމާރާތަށް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އަދި ޖެންޑަރ މިނިސްޓްރީއެވެ. މީގެއިތުރުން އެ އިމާރާތުގެ ގްރައުންޑް ފްލޯގައި ޕާކިން، 4 ވަނަ ފަންގިފިލާގައި އެމެރިކަން އެމްބަސީ ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް