ފައްޔާޒު މުގުލުގައި ހުރެ މީޑިޔާނެޓާއި އެކު، ބުރޯޑްކޮމުން ހިންގި ބޮޑު ޖަރީމާ! ދެނަހުރިބަޔަށް އެތައް މިލިޔަނެއް.
ދެންމެ | 26 އޮކްޓޯބަރ 2022

މިސަރުކާރުގެ އެންމެ ބާރުގަދަ ނުފޫޒު ގަދަ ވަޒީރަކީ މިނިސްޓަރ ފައްޔާޒު އިސްމާލަށް ވުމަކީ އަޖައިބެއް ނޫނެވެ. ވިޔަފާރީގެ ގޮތުން ބަގުރޫޓުވެ ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނަކީ ކަންކަމާއި ކުރިމަތި ލެއްވުމާއި ހުންނަވާ ގޮތެއްގައި ސާބިތުވެ ހުންނަވާ ބޭފުޅެކެވެ. އަދި ބޭނުންވާ ކަމެެއް ހާސިލް ކުރުމަށް މޫނަކަށް ކަދުރާއަށް ހަލާލަކަށް ހަރާމަކަށް ބެލުމެއް ނޯންނާނެ އެވެ. އެހެންނަމަވެސް ލިޔަން މިއުޅެނީ ބުރޯޑްކާސްޓިން ކޮމިޝަނުގެ ވާހަކަ އެވެ.

ތެދެކެވެ. މީޑިއާނެޓް ކުންފުންޏަކީ ރާއްޖޭގައި އެންމެ ފުރަތަމަ ރިބްރޮޑްކާސްޓިން ޚިދުމަތް ދޭން ފެށި ކުންފުންޏެވެ. ވާދަވެރިކަމެއް ނެތި މުޅި އެ ވިޔަފާރީގެ ކޮންޓުރޯލު ނަގައިގެން ހިންގަމުން އައި މި ކުންފުނީގެ މިހާރުގެ ހިއްސާދާރުންނަކީ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންތަކެކެވެ. ގޮތުގައި މި ސަރުކާރުގެ މުހިއްމު އެއް ބައިވެރިޔާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އިތުރަށް މީޑިއާނެޓުގެ ހިއްސާދާރުންގެ ތެރޭގައި ސަރުކާރުގެ އެންމެ އިސްވެރިންނާ ގާތް ގުޅުމެއް އޮންނަ އޭޑީކޭ ގުރޫޕުގެ ޗެއާމަން އަޙްމަދު ނާޝިދު (އޭޑީކޭ ނާޝިދު) ރާއްޖެ ޓީވީގެ އެއް މުއައްސިސު އަދި ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަދި ވިޔަފާރިވެރިޔާ އާދަމް ނަސީރު ހުސައިން އަދި ވިޔަފާރިވެރިޔާ ޙަސަން ޒާހިރު ހިމެނިވަޑައިގަންނަވައެވެ. ދެން ހިމެނިވަޑައިގަންނަވަނީ އެ ކުންފުނީގެ އެމްޑީ އަޙްމަދު ޝަފީއެވެ.

މީޑިޔާނެޓުން ހިތަށް އެރި ގޮތަކަށް ކަންތައް ކުރަމުން ގެންދަވަނިކޮށް، ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ އެއް ކުންފުނި ކަމުގައިވާ ދިރާގުން ކޭބަލް ޚިދުމަތް ފޯރުކޯށްދޭން ފެށުމާއެކު އެ ވިޔަފާރީގެ ވާދަވެރިކަން އިތުރުވިއެވެ. ދިރާގުން ވިޔަފާރީގެ ތެރެއަށް ވަނުމާއެކު މަޑުމަޑުން ކުރިއެރުން ހޯދަން ފެށީ އެއިރު މީޑިއާ ނެޓުން ”ރައިޓްސް“ ގަނެފައިވާ ބައެއް ޗެނަލްތައް ދިރާގުން ގަންނަން ފެށިއެވެ.

ދިރާގުން މި ޗެނަލްތަކުގެ ރައިޓްސް ހޯދުމާއެކު، މާކެޓްގެ ވާދަވެރިކަން ބޮޑުވެ، މީޑިއާނެޓު ހާލަތު އިންތިހާއަށް ވެއްޓިފައިވަނިކޮށް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާ ދިމާކޮށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާ މީޑިއާ ނެޓްއާމެދުގައި ޑީލެއް ހެދިކަމަށް އެ ކުންފުނީގެ އިސްވެރިއެއް ނަން ނުޖެހުން ޝަރުތުކޮށް މައުލޫމާތު ދިނެވެ.

އެގޮތުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަވެރިކަމުގެ ތެރޭގައި ރަށްރަށުގައި މީޑިއާނެޓުގެ އެޖެންޓުންގެ ގޮތުގައި ތިބި ފަރާތްތައް މެދުވެރިކޮށް އިންތިޚާބަށް ނުފޫޒު ފޯރުވައި އެ ރަށްރަށުގެ ރައްޔިތުންގެ ތާއީދު ހޯދަން މަސައްކަތް ފެށިއެވެ. އަދި ފައްޔާޒު ހޮވުމަށް މީޑިޔާނެޓުން ނަގުދުން ހަރަދު ވެސް ކޮށްފައިވެއެވެ. އެކަން ކުރަން ނިންމީ ދިރާގު ޓީވީ ހުއްޓުމަކަށް އަންނާނެ ސިޔާސަތެއް ތަންފީޒުކުރަން ފައްޔާޒު އެއްބަސްވެވަޑައިގަތުމުންނެވެ.

ފައްޔާޒުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވަނީ އަނބުރާ މުޅި ދާއިރާގެ ކޮންޓުރޯލު މީޑިއާ ނެޓަށް ލިބޭ ގޮތަށް ނިޒާމު ތަރުތީބުކޮށްދެއްވުމަށެވެ. އެކަން ކުރަން ހަމަޖެއްސީ ބްރޯޑްކޮމް މެދުވެރިކޮށް އެ އިދާރާއިން އެކުލަވައިލާފައިވާ އުސޫލަށް ބަދަލުތަކެއް ގެނެސްގެންނެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި މީޑިޔާނެޓުން ފައްޔާޒަށް އެތައް މިލިޔަން ރުފިޔާއެއް ވަނީ ދެއްވާފަ އެވެ. ބުރޯޑްކާސްޓިން ކޮމިޝަންގެ ތެރެއިން މިކަން ކުރުމަށް ފައްޔާޒު ހަވާލު ކުރެއްވީ ކޮމިޝަންގެ ނައިބް ރައީސް ކަމުގެ މަގާމަށް ފައްޔާޒުގެ ނުފޫޒާއި ބާރުން އައްޔަންކޮށްފައިވާ ޤައިސް އަށެވެ. މިގޮތުން ޤައިސް ވަނީ ފައްޔާޒުގެ އިރުސާދުގެ ދަށުން ކޮމިޝަނުގެ އިތުރު މެމްބަރުންނާއި ލޮބީކޮށް ދެނަހުރިބައި ހަމަޖައްސައި ގަވައިދު މީޑިޔާނެޓުން ބޭނުންވާ ގޮތަށް ފުރިހަމައަށް އިސްލާހްކޮށް ގެޒެޓްކޮށްފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުންވަނީ ރިބްރޯޑްކާސްޓިންގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ގެނައި އިސްލާހަކީ ރިބްރޮޑްކާސްޓުކުރުމުގެ ހުއްދަ ލިބޭނީ ހަމައެކަނި ސައްތައިން ސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށް ކަނޑައަޅައި ގެނައި އިސްލާހެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އިސްލާހް މެމްބަރުންނަށް ކޮމެންޓަށް ފޮނުވިއިރު ފޮނުވި އިރު އުނިކޮށް، އިސްލާހް ހިމަނާފައިވަނީ ގަވައިދު ގެޒެޓް ކުރުމުގެ މަރުހަލާގަ އެވެ.

ދިރާގަކީ ދިވެހި ސަރުކާރާއި އެތައް ހާސް ދިވެހި ރައްޔިތުންގެ އިތުރަށް ބަހްރައިން ޓެލިކޮމިއުނިކޭޝަންސް ކޮމްޕެނީ (ބަޓެލްކޯ)ގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެހެންކަމުން މި އުސޫލާއެކު ދިރާގު ޓީވީގެ ޚިދުމަތް ދިނުން ހުއްޓުމަކަށް އައުމުގެ ފުރުސަތު އޮންނާނެއެވެ.

ބްރޯޑްކޮމުން މިދެންނެވި އިސްލާހް އެކުލަވާ ލެއްވިއިރު، އެތައް ހާސް ދިވެހި ރައްޔިތުންގެ ހިއްސާ އާއި ދިވެހި ސަރުކާރުގެ ބޮޑު ހިއްސާއަށް ވުރެ، އެބޭފުޅުންނަށް މުހިންމުވެފައި ވަނީ 5 ވިޔަފާރިވެރިންގެ ވިޔަފާރީގެ މަސްލަހަތެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިދެންނެވި އިސްލާހާއި އެކު ގަވައިދު އެކުލަވާލައި ގެޒެޓް ކުރުމާއި އެކު ދިރާގުން ވަނީ މިމައްސަލައަށް ތަސައްލީއެއް ލިބޭތޯ މިނިސްޓަރ ފައްޔާޒު އަރިހްގައި އާދޭސް ދަންނަވައި އެތައް ފަހަރަކު އެމަނިކުފާނާ ބައްދަލު ވެސް ކުރައްވާ ކަމަށް މައުލޫމާތު ލިބެއެވެ. އެހެންނަމަވެސް ބައްދަލު ކުރައްވާ ކޮންމެ ފަހަރަކު ކުނިރުޅި މޫނަކާއި އެކު ދިރާގަށް ދެއްވާފައި ވަނީ ރުންކުރު ނުލަފާ ޖަވާބުތަކެކެވެ. ވާނީ ވެސް އެހެންތާ އެވެ. އެމަނިކުފާނަށް ހުންނެވުނީ ދެނަހުރިބައި ނަންގަވައިގެންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިއްބަވަނީ ހަތް މެންބަރުންނެވެ. އެ ހަތް މެންބަރުންގެ ތެރެއިން ބައެއް މެންބަރުންނަކީ ސީދާ ގޮތުން މީޑިއާނެޓްގެ ހިއްސާދާރުންނާ ގުޅުން އޮތް ބޭފުޅުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މީޑިއާނެޓްގެ ހިއްސާދާރުންނަށް ނިސްބަތްވާ މީޑިއާތަކުގެ ނޫސްވެރިންނެވެ.

އެގޮތުން ކޮމިޝަނުގެ މެންބަރު މުޙައްމަދު ފަޒީނަކީ މީޑިއާނެޓްގެ ހިއްސާދާރު އަކްރަމް ކަމާލުއްދީނުގެ މަސްލަހަތު އޮންނަ ރާއްޖެޓީވީގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ނޫސްވެރިއެކެވެ. މެންބަރު އަލީ ޔޫސަފީ ރާއްޖެޓީވީގެ ނޫސް ޑައިރެކްޓަރެވެ. އޭގެ އިތުރަށް އަމީނާ މުޙައްމަދަކީ މީޑިއާނެޓްގެ ހިއްސާދާރު އަދި ސަރުކާރުގެ ކޯލިޝަނުގެ އެއް ބައިވެރިޔާ ޤާސިމް އިބްރާހީމްގެ ވިލާޓީވީގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. ދެން އިތުރަށް ހުންނެވީ މީޑިއާ ކައުންސިލުގެ ނައިބުރައީސް ޤައިސްއެވެ. ޤައިސަކީ ފިއުލް ސަޕްލައި މޯލްޑިވްސްގެ އެމްޑީ ޤަސަމްގެ ކޮއްކޮއެވެ. އެހެންކަމުން އެއީ ސީދާ ފައްޔާޒުގެ ކޮންޓްރޯލުގެ ދަށުގައި ހުންނެވި ބޭފުޅެކެވެ.

ކަށަވަރުވެފައިވާ ގޮތުގައި ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަޙީދާއަކީވެސް މި ނިންމުން ނިންމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާއަށް ނުފޫޒު ފޯރުވީ އޭނާގެ ދޮން ބޭބެ އަދި ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލަތް)އެވެ.

މި ހުރިހާ ފަރާތްތަކެއް މެދުވެރިކޮށް އުސޫލު ބަދަލުކޮށް ކޭބަލް ޓީވީގެ ވިޔަފާރި މީޑިއާ ނެޓުގެ އަތްމައްޗަށް ކަހައިލީ އެ ކުންފުންޏަށް އެކަނި މުޅި ވިޔަފާރިދީ ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ގޮތުންކަމަށް މިކަމުގެ ކަންކަން އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުން ތުހުމަތުކުރައްވައެވެ.

މިމައްސަލަ މިހާރު ރައްޔިތުންގެ މަޖިލީހުން ބަލަމުންދާއިރު އެތައް ކަމެއް ގާނޫނާއި ގަވައިދާ ހިލާފަށް ހިންގާފައިވާ މި ބޮޑު ޖަރީމާގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ސާފްވެގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!