ފޯޅަވަހި މައްސަލައިގައި ކުރީގެ ދެ ބަންޑާރަނައިބު ދިޔާނާ އާއި އާޒިމާ ވެސް ސަރުކާރާއި ދެކޮޅަށް ނިކުންނަވައިފި
ދެންމެ | 27 އޮކްޓޯބަރ 2022

ރާއްޖެއާއި ޗާގޮސްގެ މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ބަދަަލުކުރަން ކުރީގެ ދެ ބަންޑާރަނައިބުން ކަމުގައިވާ ޢާޒިމާ ޝުކޫރާއި ދިޔާނާ ސައީދު އިލްތިމާސްކުރަށްވައިފި އެވެ.

ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ދިޔާނާއާއި އާޒިމާ ސޮއިކުރައްވައި މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި މައްސަލާގައި ސަރުކާރުން ނަގާފައިވަނީ ދައުލަތުގެ އެންމެ އިސް މަސްލަހަތުތައް ސަރުކާރުން ހިމާޔަތްކުރުމަށް ނަގަންޖެހޭ ޕޮޒިޝަންތޯ ރައްޔިތުންގެ މަޖިލީހުންނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ބައްލަވައި ޔަޤީންކަކުރަންޖެހޭކަމަށެވެ. އަދި މަޖިލީހުން އެކަަން ކަށަވަރުކޮށްދޭންޖެހޭކަމަށް ދެކެވަޑަައިގަންނަވާތީ އެގޮތުގެ މަތިން އެކަން ރެއްވުމަށް ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އެ ބަޔާނުގައި ވަނީ އިލްތިމާސް ކުރަށްވާފައެވެ.

”ސަރުކާރުން ނަންގަވާފައިވާ ޕޮޒިޝަނަކީ ދައުލަތުގެ އެންމެ މަތީ މަސްލަހަތުތަކަށް ފަހިވާ ސިޔާސަތަކަށްނުވާނަމަ، ސަރުކާރުގެ ސިޔާސަތު ބަދަލުކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް އަޅުގަނޑުމެން އިލްތިމާސްކުރަމެވެ.“ އާޒިމާ އާއި ދިޔާނާ ނެރުއްވި ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކަނޑުގެ ޤާނޫނާ ބެހޭ ބައިނަލްއަޤުވާމީ މުއާހަދާއިން ހުރިހާ ޤައުމަކަށް އެ ޤައުމެއްގެ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް އެ ޤައުމެއްގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދުގެ ގޮތުގައި ލިބޭނެ ކަމަށެވެ.

 

އެހެންނަމަވެސް ޚާއްޞަ އިޤުތިޞާދީ ސަރަހައްދު މިގޮތަށް ކަނޑައަޅާއިރު ކައިރީގައި ޤައުމެއް އޮވެއްޖެނަމަ އެ ޤައުމެއްގެ އިޤުތިޞާދީ ސަރަހައްދާ ފުށުއެރުމުގެ ފުރުސަތު އޮންނަ ކަމަށާއި، އެފަދައިން ފުށުއަރައިފިނަމަ އަމަލުކުރާނެ ގޮތަކީ އެ މުއާހަދާގެ 74 ވަނަ މާއްދާގައި ބަޔާންކުރާ ގޮތްތައް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

 

މީގެ އިތުރުން ރާއްޖެއާއި އިނގިރޭސިވިލާތުގެ މެދުގައި ޗާގޮސްއާއި ރާއްޖޭގެ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބައިކުރުމާމެދު 1991 ގައި މަޝްވަރާކުރެވި، އިކުއިޑިސްޓޭންސް ނުވަތަ ހަމަހަމަކޮށް އެ ސަރަހައްދު ބައިކުރުމަށް އެ މަޝްވަރާތަކުގައި ބައިވެރިވީ ދިވެހި ވަފުދުން އެއްބަސްވެ ދިވެހިރާއްޖޭގެ ރުހުން އޮތްކަމަށް ބަޔާންކުރި ނަމަަވެސް ފަހުން އެކަން ބަދަލުކުރިކަމަށެވެ. އަދި ބަޔާނުގައި ބުނީ ކަނޑުގެ ޤާނޫނުގެ މާހިރު ޑރ. މުޙައްމަދު މުނައްވަރުގެ އެޓާނީ ޖެނެރަލްކަމުގައި އެ ސަރަހައްދަކީ އިކުއިޑިސްޓޭންސްގެ އުސޫލުން ބައިކުރަންޖެހޭ ސަރަހައްދެއް ނޫންކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ރާއްޖެއަށް 200 ނޯޓިކަލް މޭލު ޙައްޤުވާނެ ކަމަށާއި، އިނގިރޭސިވިލާތާއެކު ކުރެވުނު މަޝްވަރާއިން އިލްތިޒާމުވަނިވި އެއްބަސްވުމަކަށް އާދެވިފައިނުވާކަމަށް ލަފާދެއްވި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

 

އަދި ޑރ. މުނައްވަރުގެ އެ ލަފާފުޅަކީ އޭގެ ފަހުން އެ މަޤާމާ ހަވާލުވެވަޑައިގެންނެވި ހުރިހާ ބަންޑާރަނައިބުން މި ސަރުކާރާ ހަމައަށްވެސް ނަގަހައްޓަމުން އައި ހަމައެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ހަމައަހަމައަށް ފުށުއަރާ ސަރަހައްދު ބައިކުރުމަށް ރާއްޖެއިން އަބަދުވެސް އިއުތިރާޒުކޮށް ދެކޮޅުހަދަމުން އައިކަމަށްވެސް އެ ބަޔާނުގައި ބުނެފަޖ ވެއެވެ.

 

މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ބެހޭ ޤާނޫނުގައިވެސް ކަނޑައަޅާފައިވަނީ ބޭސްލައިންތަކުން ފެށިގެން 200 މޭލުގެ ސަރަހައްދެއް ރާއްޖެއިން ކްލައިމްކުރާކަމަށް ކަމަށާއި، އެ ސަރަހައްދު ފުށުއަރާނަމަ އެ ފުށުއަރާ ޤައުމަކާއެކު އެއްބަސްވުމެއް ހަދައިގެން ސަރަހައްދު ކަނޑައެޅުމަށް ޤާނޫނުގައި ބުނާއިރު އެފަދަ އެއްބަސްވުމެއް މޮރިޝަސްއާއެކު ނެތްކަމަށް އެ ބަޔާނުގައިވެއެވެ. އަދި މިހާރު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓޮލްސް)ގައި ހިނގަމުން އަންނަ މައްސަލާގައި ރާއްޖެއާއި މޮރިޝަސްގެ މެދުގައި ޚިލާފު އޮތީ ޗާގޮސްގެ ކަނޑުގެ ސަރަހައްދު ފެށޭ ބޭސްލައިން ކަނޑައަޅާނެ ސަރަހައްދާމެދުގައި ކަމަށާއި، އެގޮތުން މޮރިޝަސްއިން ބޭސްލައިނެއްގެ ގޮތުގައި ބެންހައިމް ފަރުން ކަނޑައަޅަން ބޭނުންވާއިރު ރާއްޖެއިން ބޭނުންވަނީ އެ ބޭސްލައިން ޕޮއިންޓުތައް ހުންނަންޖެހޭނީ ޕެރޯ ބަންހޯސް އަތޮޅާއި ސެލޮމަން އައިލެންޑްސް ކިޔާ އަތޮޅާއޖ ހަމައިން ކަނޑައެޅުމަށް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

 

އާޒިމާ އާއި ދިޔާނާގެ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ ވިސްނުން ބަދަލުވީ ރާއްޖެއިން ފުށުއަރާ ސަރަހައްދު ބައިކުރަން ހުށަހަޅާ ގޮތާމެދު ކަމަށާއި ކަންބޮޑުވެވަޑައިގަންނަވަނީވެސް އެހެންވެގެން ކަމަށެވެ. އެގޮތުން ރާއްޖެއިން އެ ސަރަހައްދު ބައިކުރުމަށް މި ސަރުކާރުން ހުށަހަޅަނީ ކުރިން އެކަމަށް ދިވެހި ދައުލަތުން އިއުތިރާޒުކުރި ”އިކުއިޑިސްޓޭންސް“ގެ އުސޫލުން ކަމަށް އެ ބަޔާނުގައިވެއެވެ.

 

ޗާގޮސްއާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުށުއަރާ ސަރަހައްދާ ގުޅޭ ގޮތުން މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ކޮށްފައިވާ ދައުވާ ހިނގަމުން އައި ދުވަސްވަރެއްގައި އެ މައްސަލައާމެދު ގޮތެއް ނުނިންމެނީސް މޮރިޝަސްއާ އެއްކޮޅަށް ނިންމުމެއް ނިންމުމަކީ ހަމަޖެހޭ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާކަމަށް އެ ބަޔާނުގައި ބުނެފައިވެެެއެެވެ.

 

އާޒިމާ އާއި ދިޔާނާގެ ބަޔާނުގައި ވިދާޅުވީ ދިވެހިރާއްޖޭގެ އިޤުތިޞާދީ ސަރަހައްދަށް އިތުރު ސަރަހައްދު ހޯދުމަށް ސަރުކާރުން މަސައްކަތްކޮށްފައިނުވާކަމަށެވެ. އަދި 200 ނޯޓިކަލް މޭލުގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދު އެކުގައި ފަހަރުގައި ލިބެން ނޯވެދާނެ ހާލަތުގައިވެސް، މެދުރޮނގު ވީހާވެސް ބޭރަށް ޖައްސައި ވީހާވެސް ބޮޑު ބައެއް ހޯދަން މަސައްކަތްކުރަންޖެހޭއިރު އެކަން ސަރުކާރުން ނުކުރާކަމަށް އެ ބަޔާނުގައި ވަނީ ފާހަަގަކޮށްފައެވެ.

 

އަދި ފުށުއަރާ ސަރަހައްދުގެ މެދުން ހަމަހަމައަށް ބައިކޮށް ދަމާލާ ވަގުތީ ރޮނގު ބޮޑުކުރަން ޖަސްޓިފައިވާ ހާލަތުތައް ހުރިނަމަވެސް، އެ ހާލަތުތައް ސަރުކާރުން އިޓޮލްސްއަށް ހުށަހެޅި ހުށަހެޅުމުގައި ބަޔާންކޮށްފައިނުވާ ކަމަށް ބަޔާނުގައިވެއެވެ. އަދި އެ މަސައްކަތްކޮށްފައި ނެތުމުން، އެކަމުގެ ޤާނޫނީ ނަތީޖާއަކީ ސަރުކާރުން މޮރިޝަސްއަށް ދޫދީ، ދީލާލުންކަމަށް ޤަބޫލުކުރައްވާކަމަށާއި އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ލިބުމުގެ ފުރުސަތު އޮތް ސަރަހައްދެެއް ގެއްލުމުގެ ސަބަބަކަށްވެދާނެކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!