އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މާދަމާ ހުށަހަޅަނީ
ދެންމެ | 30 އޮކްޓޯބަރ 2022

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 2023 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މާދަމާ މަޖިލީހަށް ހުށަޅުއްވައިދެއްވާނެ ކަަމަށެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރަށް ހުށަހަޅަން މަސައްކަތްކުރަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމަށެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ނިމެމުންދާއިރު، ބަޖެޓް 41.5 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށެވެ. ނަމަވެސް ޕޮލިސީ ފެންވަރުގައި ކުރެވޭ މަޝްވަރާތަކުން ބަޖެޓް އިތުރަށް ބޮޑުވުން ނުވަތަ ކުޑަވުން އެކަށީގެންވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އަންނަ އަހަރުގެ ބެޖެޓުގެ އެންމެ ބޮޑު އަމާޒަކީ ފިޒިކަލް ސްޓްރެޓަޖީއާއި އެއްގޮތަށް ހުށައެޅުންކަމަށެވެ.

”ފިސްކަލް ސްޓްރެޓަޖީގައި 2023 އަހަރަށް އަޅުގަނޑުމެން ހުށައަޅާނެ ބަޖެޓެއް ގޮތުގައި އަޅުގަނޑުމެން ފާހަގަކޮށްފައިވާނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް. އަޅުގަނޑުމެން މިހާރު މި މަސައްކަތްކުރަމުން މިދަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅަން. ޕޮލިސީ ލެވެލްގެ ޑިސްކަޝަންއާއެކު ޢަދަދު ކުޑަވުމަކީވެސް އެކަށީގެންވާކަމެއް. އަދި ކޮންމެވެސް ވަރަކަށް މަތިވުމަކީވެސް އެކަށީގެންވާކަމެއް. އެކަމަކު މިހާރުގެ އަމާޒަކީ ހަމަ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއްގައި ހިފެހެއްޓުން އެއީ އަޅުގަނޑުމެންގެ ފިސްކަލް ސްޓްރެޓެޖީ.“ ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ 41.5 ބިލިއަން ރުފިޔާގެ ބަޖެޓަކީ މިހާތަަނަށް ހުށައަޅާނެ އެންމެ ބޮޑު ދައުލަތުގެ ބަޖެޓެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!