މާލޭ މީހުންނަށް ހިލޭ ގޯތިތައް ބަހާލުމުން 16 ބިލިޔަނުގެ ބޮޑު ގެއްލުމެއްވި: އޮޑިޓް
ދެންމެ | 20 މެއި 2026

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހިން މާލޭ މީހުންނަށް ”ހިލޭ ގޯތި“ ދޫކުރުމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް 14.85 ބިލިއަން ރުފިޔާއާއި 15.93 ބިލިއަން ރުފިޔާގެ ގެއްލުންވި ކަމަށް އޮޑިޓް ރިޕޯޓަކުން ދައްކައިފި އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރުމުން އެޗްޑީސީއަށް ލިބުނު ގެއްލުން ވަޒަން ކުރުމަށް ހެދި ހާއްސަ އޮޑިޓެއް މިދިޔަ ބުރާސްފަތި ދުވަހު އޮޑިޓް އޮފީހުން ވަނީ އާންމުކޮށްފަ އެވެ.

އެ އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ ސްކީމުގެ ދަށުން އެޗްޑީސީގެ މިލްކިއްޔާތުގައި ހިމެނޭ ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހިން 2،841،400 އަކަފޫޓުގެ ބިން ވަކިކުރި އެވެ. މި އޮޑިޓް ރިޕޯޓް“ގައިވާ ގޮތުން، އެ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އަދި 3 އިން 4،120 ފަރާތަކަށް 1،408 ގޯތި ވަނީ ދޫކޮށްފަ އެވެ.

”ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ދޭއް އަދި ތިނަކުން ބަންޑާރަގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ބިންތައް މާކެޓް ރޭޓް އުސޫލުން ކުންފުންޏަށް އާމްދަނީ ހޯދުމުގެ ގޮތުން ވާދަވެރި ބީލަމެއްގައި ވިއްކައިފި ނަމަ، 14،847،279،200 ރުފިޔާ އާއި 15،932،847،200 ރުފިޔާއާ ދެމެދުގެ އަގެއް ލިބޭނެ ކަމަށް އަންދާޒާކުރެވެ އެވެ“، އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

ރިޕޯޓުގައިވާ ގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެއަކުން 473 މީހަކަށް ދޫކުރި 188 ގޯއްޗަކީ ”ބީޗްސައިޑް ގޯތި“ ތަކާ އެއްގޮތް، އެ ފަދަ ގޯތިތަކުގެ އަގުގައި ވިއްކޭނެ ތަންތަނެވެ. އެ ގޯތިތަކުގެ ޖުމްލަ ޖާގަ އަކީ 347،600 އަކަފޫޓް ކަމަށް ވާއިރު، މާކެޓް ރޭޓްގައި ވިއްކާ ނަމަ އެ ގޯތި ތަކަށް 2.5 ބިލިއަން ރުފިޔާ ލިބޭނެ އެވެ.

ހުޅުމާލެ ދެއަކުން އެހެނިހެން 1،166 މީހަކަށް 521 ގޯތި ދޫކޮށްފައިވެ އެވެ. އެއީ 909،250 އަކަފޫޓެވެ. އޮޑިޓު ރިޕޯޓްގައި އަންދާޒާ ކޮށްފައިވާ ގޮތުގައި މާކެޓް ރޭޓްގައި އެ ގޯތިތައް ވިއްކި ނަމަ އެޗްޑީސީ އަށް 4.9 ބިލިއަން ރުފިޔާ ލިބޭނެ އެވެ.

ހުޅުމާލެ ތިނަކުން ޖުމްލަ 2،481 މީހަކަށް 699 ގޯތި ދޫކޮށްފައި ވާއިރު އެ ގޯތިތަކުގެ ޖުމުލަ ޖާގައަކީ 1،584،550 އަކަފޫޓެވެ. އޮޑިޓްރިޕޯޓްގައި ބުނި ގޮތުގައި މާކެޓް ރޭޓުން އެ ގޯތިތައް ވިއްކި ނަމަ އެޗްޑިސީ އަށް 8.4 ބިލިއަން ރުފިޔާ ލިބޭނެ އެވެ.

އޮޑިޓުގައި ފާހަގަކުރި ގޮތުގައި، ހިޔާ ފްލެޓްތަކާއި ގެދޮރުވެރިޔާ ފްލެޓްތައް ލިބުނު މީހުން ކުލި ދައްކަން ޖެހޭއިރު ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުން އެއްވެސް އަގެއް އެ ބިންތަކަށް ދައްކާކަށް ނުޖެހެ އެވެ.

ރިޕޯޓުގައިވާ ގޮތުން އެ ވަރުގެ އަގުހުރި ބިންތައް އެއްވެސް އަގަކާ ނުލައި 4،120 ފަރުދުންގެ މިލްކުވެރިކަމުގެ ދަށަށް ބަދަލުވުމަކީ ދައުލަތުގެ މާލިއްޔާއިން އެ ކުންފުންޏަށް ބޮޑު ހޭދައެއް ކުރަން ޖެހި، އޭގެ ސަބަބުން ދައުލަތުގެ މާލީ ހާލަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.

އެއާއެކު، ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ކޮންމެ މީހަކަށް 3.8 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރިއެވެ. އެއީ، ހިޔާ މަޝްރޫއުގައި ފުލެޓު ލިބުނު މީހަކަށް ޚަރަދުވި ވަރަށް ވުރެ 70 އިންސައްތަ އިތުރު އަދަދެކެވެ.

މާލެ ސަރަހައްދުން ހިލޭ ގޯތި ދޭން ކުރީގެ ސަރުކާރުން ހުޅުވާލުމާ އެކު އޭރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެކަމާ ނުރުހުން ފާޅުކުރެއްވި އެވެ.

އޭރު އަދި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފޮނަދޫ ދާއިރާގެ އޭރުގެ މެންބަރު މޫސާ ސިރާޖު އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އެވެ.

ސިރާޖު އޭރު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގެ ތެރެއިން ”އެޗް8“ ކެޓަގަރީގައި ހިމެނޭ މާލޭ ރަށްވެހިންނާއި ”އެޗް9“ ކެޓަގަރީގައި ހިމެނޭ މާލޭ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށް އެ ފްލެޓުތައް ދީފައި ވަނީ ފައިސާ ދައްކާ ގޮތަށް ކަމަށެވެ.

ސޯލިހު ސަރުކާރުން މާލެ ސަރަހައްދުން ހިލޭ ދިން ގޯތިތައް ދައުލަތަށް ނަގާ ޖެހޭ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި 28 އޮކްޓޯބަރު 2025 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ފަލާހު އެ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި މިއީ އިނގުރައިދޫ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ނުވަތަ ޕީއެންސީގެ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން ވެސް ދެއްކެވި ވާހަކައެއް ނޫން ކަމުގަ އެވެ.

ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ޝުއޫރެއް ހާމަކޮށްލީ ކަމަށާއި ހިލޭ ދީފައި ހުރި ބިންތައް، އެތާ ވަށާ ފާރެއް ރާނާފައި ހުރިއްޔާ ވަށާފާރުގެ ބަދަލު ދީފައިގޯއްޗެއް ރާނާފައި ހުރިއްޔާ ގޯއްޗެއްގެ ބަދަލުދީފައި ހުރިހާ އެއްޗެއް ދައުލަތަށް ނެގުން ކަމަށް ފަލާހް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!