މިނިސްޓަރު މާރިޔާ ހދ. ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެންފި
ދެންމެ | 05 ނޮވެމްބަރ 2022

ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަހުމަދުދީދީ ހދ. ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެންފި އެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ މިއަހަރުގެ ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށެވެ. މިނިސްޓަރު މާރިޔާ މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ވިދާޅުވީ މޭޔަރ މުޙައްމަދު އާތިފާއި ކައުންސިލް މެމްބަރުންނާއި މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފެވެ.

މިއަހަރުގެ ނަސްރުގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޖަލާލުއްދީން ސްކޫލު ގުޅިގެންނެވެ. މިއަހަރުވެސް ކުލަގަދަ ގޮތެއްގައި ނަޞްރުގެ ދުވަސް ކުޅުދުއްފުށީގައި ފާހަގަކުރާއިރު ރޭ ވަނީ ދުވަހާ ގުޅޭ ހާއްސަ ޖަލްސާ ކުރިއަށް ގެންގޮސްފައެވެ.

މީގެއިތުރުން މިއަދު ހަވީރު ސިފައިންގެ ޕެރޭޑް ކުޅުދުއްފުށި އަމީނީމަގުގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މިރޭ ރަށްމަތިފަންނުގައި ހަވާ އެރުމުގެ ހަރަކާތްވެސް ކުރިއަށްދާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން ނަސްރުގެ ދުވަސް ފާހަގަކުރުމަށް ސްކޫލްތަކުގެ މެދުގައި ވާހަކަ ދެއްކުމުގެ މުބާރާތަކާއި ސުވާލުމުބާރާތެއް ވަނީ ބާއްވާފައެެވެ.

ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، މާލެއަށް ދެވުނު ޢުދުވާނީ ޙަމަލާއިން ނަސްރު ލިބުނު ދުވަހެެެވެ. އެ ޢުދުވާނީ ޙަމަލާގައި ދިވެހި ސިފައިންގެ 8 ބޭކަލަކާއި، އާންމުންގެ ތެރެއިން 11 މީހަކު ޝަހީދުވިއެވެ. ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމަކީ ކުޅުދުއްފުއްޓަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަލެކެެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!