ވެރިކަން ލިބިވަޑައިގެންފިނަމަ އައްޑޫ ސިޓީ ހުޅުމީދޫއާއި ހިތަދޫ ބުރިޖަކުން ގުޅުވާލާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެއެެވެ.
ރައީސް ޔާމިން މިހެން ވިދާޅުވީ އައްޑު އަތޮޅަށް މިހާރު ކުރަށްވަމުން ގެންދާ ދަތުރުފުޅުގައި ހުޅުމީދޫ އަށް ވަޑައިގެން އެރަށުގައި މިއަދު ހަވީރު ޕީޕިއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ އެމަނިކުފާނަށް އަލުން ވެރިކަން ލިބިވަޑައިގެންފިނަމަ އައްޑޫ ސިޓީ ހިތަދޫއާއި ހުޅުމީދޫ ގުޅުވައިދޭ ބްރިޖް އަޅުއްވައި ދެއްވާނެ ކަމަށެވެ.
”މި ބުރިޖު އިރާދަކުރެވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެޅިގެންދާނެ.“ ރައީސް ޔާމިން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ އައްޑޫ ސިޓީއަށް އެންމެ ބޮޑު އުމުރާނީ ތަރައްގީއެެއް އައީ އެމަނިކުފާނުގެ ނިމިދިޔަ ވެރިކަމުގެ ފަސް އަހަރުގައި ކަމަށެވެ. ރައީސް ސާލިޙުގެ ސަރުކާރުގެ މި ވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި އައްޑޫ ސިޓީއަށް ކޮށްދިން ކަމެއް ފެންނަން ނެތް ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. ރައީސް ޔާމިން ވިދާޅުވީ އައްޑޫ ސިޓީގެ ކައުންސިލްގެ ހަތް ގޮނޑި ލިބިފައިވަނީ އެމްޑީޕީއަށް ކަމަށެވެ. ސަރުކާރަށް ނުވަތަ އެމްޑީޕީއަށް އެގޮނޑިތައް ދިނީ އުއްމީދު ތަކެއް އޮވެގެން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
”އެހަތް ގޮނޑި ދެއްވިއިރު ތިބޭފުޅުންގެ އުއްމީދުތަކެއް ހުންނާނެ، ތިބޭފުޅުންގެ ދާއިރާއަށް ރަށްރަށައް އެ ހަތް މީހުން މެދުވެރިކޮށް އަންނަންވާ ތަރައްގީއަށް ސަރުކާރަށް ޕްރެޝަރުކުރުމާއި ސަރުކާރަށް އިލްތިމާސްކުރުމާއި އެކި ގޮތްގޮތުން މަސައްކަތް ކުރުން އެވާނީ ތިބޭފުޅުންގެ އުއްމީދަކަށް. މިއަދު އެއިން އެއްވެސް ކަމެއްގައި ބަސް ނުބުނާއިރު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކީއްވެތޯ އޭ ތިބޭފުޅުން މަޑުން ތި ތިއްބަވަނީ. މިއީ ތިބޭފުޅުންގެ ހައްގެއް.،“ ރައީސް ޔާމިން ވިދާޅުވިއެވެ.