ކޮވިޑް ހަނގުރާމަ ކާމިޔާބު ކުރެވިއްޖެ: އުތުރު ކޮރެޔާ
ދެންމެ | 11 އޯގަސްޓް 2022
ކޯވިޑް-19އާ ދެކޮޅަށް ކުރި ހަނގުރާމައިން އުތުރު ކޮރެއާ ކާމިޔާބު ހޯދާފައިވާކަން އެގައުމުގެ އިސްވެރިޔާ ކިމް ޖޮންގް އުން މިއަދު އިއުލާންކުރައްވައިފިއެވެ.

ކޮވިޑުން ސަލާމަތްވެފައިވާކަން އިއުލާންކުރައްވަމުން، އުތުރު ކޮރެއާގައި ކޮވިޑު ފެތުރުނީ ދެކުނު ކޮރެއާގެ ސަބަބުން ކަމަށް ފާހަގަކޮށް މިކަމާ ދެކޮޅަށް ދެކުނު ކޮރެއާ އާމެދު ފިޔަވަޅު އަޅުއްވާނެކަން ކިމް ޖޮންގް އުން ވިދާޅުވިއެވެ.

މީގެއިތުރުން، ކޮވިޑާ ގުޅިގެން އުތުރު ކޮރެއާގައި މެއި މަހުންފެށިގެން އަޅާފައިވާ އެންމެ ބޮޑު އެންޓި އެޕިޑެމިކް ފިޔަވަޅުތައް އުވާލުމަށްވެސް ކިމް ޖޮންގް އުން ވަނީ އަމުރު ކުރައްވާފަވެއެވެ. ނަމަވެސް ކޮވިޑް ޕެންޑެމިކް ނިމެންދެން އެންޓި އެޕިޑެމިކް މަސައްކަތްތައް ކުރިއަށް ގެންދިއުން މުހިންމުކަމަށް އެމަނިކުފާނު ފާހަގަކުރެއްވި ކަމަށް ދައުލަތުގެ ނިއުސް އެޖެންސީ ކޭސީއެންއޭ އިން ރިޕޯޓުކޮށްފައިވެއެވެ.

ކޮވިޑް-19 ބަލި އުތުރުކޮރެއާއިން ފެނިފައިވާކަން ރިޕޯޓު ކުރިނަމަވެސް، މިބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު އެގައުމުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި އުތުރުކޮރެއާގައި ކޮވިޑް ބައްޔަށް ޓެސްޓު ކުރެވޭނެ ނިޒާމު ގާއިމުވެފައިނުވާކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެގޮތުން އުތުރުކޮރެއާގައި ރިކޯޑް ކުރަމުން އައީ ކޮވިޑް ބަލީގެ ބަދަލުގައި ހުން އައިސްގެން ރިޕޯޓުކުރާ މީހުންގެ އަދަދެވެ. ތަފާސް ހިސާބުން ދައްކާގޮތުގައި ޖުމުލަ 4.77 މިލިއަން ވަރަކަށް މީހުން ހުން އައިސްގެން ރިޕޯޓްކޮށްފައިވެއެވެ. އަދި ޖުލައި 29 ވަނަ ދުވަހުން ފެށިގެން އެފަދަ އާ ކޭސްއެއް ރަޖިސްޓްރީކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!