ޗާގޮސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ދައުވާ ކުރުމުގެ ފުރުސަތު ގެއްލުވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ޗާގޮސްގެ މައްސަލައިގައި އދ ގައި އެންމެ ފުރަތަމަ ވޯޓު ނެގީ 2017 ވަނަ އަހަރު ކަމަށެވެ. އެ ވޯޓަކީ މޮރިޝަސްއަށް ޗާގޮސްގެ ސިޔާދަތީ ބާރުލިބިގެންވޭތޯ ސާފްކުރުމަށް އައިސީޖޭގެ ލަފައެއް ހޯދުމަށް ނެގުނު ވޯޓެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
2017 ވަނަ އަހަރު އދ ގައި ނެގި އެ ވޯޓުގައި ދިވެހިރާއްޖެއިން ވޯޓު ދިނީ މޮރިޝަސްއަށް ޗާގޮސްގެ ސިޔާދަތީ ބާރު ލިބިގެންވޭތޯ ބެލުމަށް ގާނޫނީ ލަފާ ހޯދަން އައިސީޖޭއަށް ފޮނުވަން ނުފެންނަ ކަމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. ރައީސް ޔާމީންގެ ސަރުކާރުން ގަރާރާއި ދެކޮޅަށް ވޯޓު ދިނުމަށް ފަހު ތިއްބެވީ ހަނު ކަމަށް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އައިސީޖޭގެ ގާނޫނީ ލަފާ ހޯދަން ނުފެންނަ ކަމަށް ރައީސް ޔާމީންގެ ސަރުކާރުން ވޯޓު ދިން ނަމަވެސް އެ މައްސަލަ ފާސްވެގެން ދިޔައީ މޮރިޝަސްއިން ބޭނުންވި ގޮތަށް ކަމަށެވެ. ޝާހިދު ވިދާޅުވީ އޭގެ ފަހުން އައިސީޖޭގައި ކުރިޔަށް ދިޔަ މައްސަލައިގެ ތެރެއަށް ތަދުއްޙުލްވުމުގެ ފުރުސަތު ރާއްޖެއަށް ލިބުނީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށެވެ.
އެހެން ނަމަވެސް ރައީސް ޔާމީން އެ ފުރުސަތުގެ ބޭނުން ހިއްޕަވާފައި ނުވާކަމަށް ޝާހިދު ވިދާޅުވިއެެވެ. އަދި ޗާގޮސްއަކީ ހަމަހަގީގަތުގައި ވެސް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމަށް ރައީސް ޔާމީން ހިތުގެ އަޑިން ގަބޫލުފުޅު ކުރައްވާނަމަ އެ ދުވަހު އެކަމަށް މަސައްކަތް ކުރެއްވީސް ކަމަށް ޝާހިދު ވިދާޅުވިއެެވެ. އެހެން ނަމަވެސް ރައީސް ޔާމިން އެކަން އެގޮތަށް ކުރަށްވާފައިނުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރު އޮތް މޮރިޝަސްއާއި ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދު ފުށުއަރާތީ އިނގިރޭސިވިލާތާއެކު ރާއްޖެއިން 1992 ވަނަ އަހަރު އެއްބަސްވުމެއްގައި ސޮއިކުރި ކަމަށެވެ. އަދި މޮރިޝަސްއާ ސަރަހައްދީ އިން ފުށުއަރާ ކަމަށް އެ ގައުމާއެކު 2010 ވަނަ އަހަރު އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު އެއްބަސްވެވަޑައިގެންނެވި ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ 1997ގެ ގާނޫނުއަސާސީ ފާސްކޮށް ތަސްދީގު ކުރިއިރުވެސް ޗާގޮސް ޕެލެގޯއަކީ ރާއްޖޭގެ ސިޔާދަތީ ބާރު އެ ރަށްތަކުގެ މައްޗަށް ހިނގާ ތަނެއް ކަމަށް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން އެކަމަށް އިއުތިރާފްވެފައި ނެތް ކަމަށާއި ލިޔެކިޔުމުން ވެސް އެކަން އެނގެން ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ޗާގޮސް އަކީ ރާއްޖޭގެ ބައެއް ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ބިނާވެފައިވަނީ ހަސަން ރަސްގެފާނު ލިޔުއްވާފައިވާ ސިޓީއެއްގެ މައްޗަށް ކަމަށެވެ. އެހެން ނަމަވެސް ހަސަން ރަސްގެފާނަކީ މާތްވެގެންވާ އިސްލާމް ދީން ދޫކުރައްވައި ކްރިސްޓިއަން ދީން ހިޔާރުކޮށް ގޯވާގައި ހުރެ ދިވެހި ދައުލަތާ ދެކޮޅަށް ޕޯޗުގީޒުން ފޮނުވައި ދިވެހިން ކްރިސްޓިއަން ދީނަށް ވައްދަން އުޅުއްވި ބޭފުޅެއް ކަމަށް ޝާހިދު ވިދާޅުވިއެެވެ. ރަސްގެފާނު އެ ވާހަކަތައް ދެއްކެވީ އަޅުވެތިކަމުގެ ތެރެއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. ޗާގޮސް އަކީ ރާއްޖޭގެ ބައެއް ކަމަށް ބުނާ ބުނުމުގައި އެއްވެސް އަސާސެއް ނެތްކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ނުވަ ވަނަ ހަސަން ރަސްގެފާނަށް ފަހު ރަސްކަމަށް ވަޑައިގަތް އެއްވެސް ރަސްކަލެއް ޗާގޮސްއަކީ ރާއްޖޭގެ ބައެއް ކަމަށް ބުނެފައިނުވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ލިޔެވިފައިވާ ގާނޫނުއަސާސީ 1932 ވަނަ އަހަރު އެކުލަވާލެވުނު އިރު އިމުގެ ވާހަކަ ފާހަގަކޮށްފައިނުވާކަމަށް ޝާހިދު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ 1951 ވަނަ އަހަރާއި 1953 ވަނަ އަހަރާއި 1954 ވަނަ އަހަރު ވުޖޫދު ވެގެން އައި ގާނޫނުއަސާސީގައި ސިޔާދަތު ހިމެނޭ ސަރަހައްދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ބާރު ހިނގާނެ ސަރަހައްދުތަކުގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް ވަކި ސަރަހައްދެއް އޭގެ ގާނޫނު އަސާސީއެއްގައި ނުވާކަމަށް މަޖިލީހުގެ ރައީސް ކަން ކުރެއްވި ޝާހިދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އިން ވަކިކުރުމުގެ މައްސަލައާއި ވޯޓުލުމުގެ މައްސަލަ އަދި ރާއްޖޭގެ ސިޔާދަތީ ބާރު ޗާގޯސްގެ މައްޗަށް ހިންގުމުގެ މައްސަލައިގައި ވެސް މިއަދުގެ ސަރުކާރުން އެއްވެސް ކަމެއް ބަދަލުކޮށްފައިނުވާ ކަމަށެވެ.
”ގާނޫނު އަސާސީ ލާޒިމުކުރާ ގޮތަށް ރާއްޖޭގެ ސަރަހައްދު ދިފާއު ކުރުމުގައި މި ސަރުކާރު އަބަދުމެ އަމަލު ކުރައްވާނެ. ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކަށް ބައިނަލްއަގުވާމީ ގާނޫނީ އިމުގެ ތެރެއިން ލިބެން އޮތް އެންމެ ބޮޑު ސަރަހައްދެއް ހޯދުމުގައި މިއަދުގެ ސަރުކާރުން ވަކާލާތު ކުރަމުން ގެންދަވާ. ކޮންޓިނެންޓަލް ޝެލްފުގެ މައްސަލައިގައި ދިވެހިރާއްޖެއިން ފުކެއް ވެސް ދޫނުކުރައްވާނެ،“ މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.