ދިވެހީންގެ ގިނަބަޔަކު ޝަހީދުކޮށްލި ނަސްރުގެ ދުވަހުގެ ވާހަކަތައް ކިޔަވާ ދަރިވަރުންގެ މުގައްރަރުތަކުގައި ހިމަނަން ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ގޮވާލައްވައިފިއެވެ.
މައުމޫން މިއަދު ވިދާޅުވީ، ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއާއި ގުޅޭ ރަނގަޅު މައުޟޫޢީ ދިރާސާއެއް ހަދަންޖެހޭކަމަށެވެ. އަދި އެފަދަ ދިރާސާއެއް ހެދުމަށްފަހު ދަރިވަރުންގެ މުގައްރަރުތަކުގައި ހިމެނުމަށް ވެސް މައުމޫން ވަނީ ގޮވާލާފައެވެ.
އެ ހާދިސާ ހިނގިއިރު ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުންނެވީ ރައީސް މައުމޫނެވެ. އެ ދުވަހުގެ ކަންކަން ހިނގިގޮތް އެމަނިކުފާނުގެ ދައުރުގައި ފޮތްތަކުގައި ލިޔުއްވާ ނެރުއްވާފައިވެސް ވެއެވެ. ނަމަވެސް، އޭރު އެހާދިސާ ހިނގިއިރު ބޮޑެތި އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން އެނޫން ބައެއް ފަރާތްތަކުން ވެސް ދަނީ އެ ދުވަހުގެ ހާދިސާގެ ވާހަކަތައް އެކިގޮތަށް ދައްކަމުންނެވެ.
އެގޮތުން، އެ ދުވަހުގެ ހާދިސާގައި ރައީސް މައުމޫންގެ އިހުމާލުތަކެއް އޮތްކަމަށާއި އެ ދުވަހު އެމަނިކުފާނު އޮންނެވީ ފިއްލަވައިގެން ކަމަށާއި ހުރިހާ މަސައްކަތެއް ކުރީ އެހެން ބައެއްކަމަށް ދޭހަވާގޮތަށް ވެސް އެ ފަރާތްތަކުން ދަނީ ތުހުމަތުތައް ކުރަމުންނެވެ.