ދިވެހި ސަރުކާރުން ރައީސް ނަސީދަށް މޫސުމާބެހޭ ސަމިޓަށް ފުރުސަތު ނުދިނުމުން ލަންކާ ތަމްސީލް ކުރައްވަނީ
ދެންމެ | 04 ނޮވެމްބަރ 2022

މިމަހު މިސްރުގައި ފަށާ މޫސުމާބެހޭ އދގެ ބައްދަލުވުން ކޮޕް27 ގައި ސްރީލަންކާ ތަމްސީލު ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ނިމަވައިފިއެވެ.

އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި ސްރީލަންކާ ވަފްދުގެ މެންބަރެއްގެ ގޮތުގައި ކޮޕް27ގައި ބައިވެރިވެވަޑައިގަތުމަށް މާދަމާ ރައީސް މުޙައްމަދު ނަޝީދު ފުރާވަޑައިގަންނަވާނެވެ. އަދި މިސްރުގެ ޝަރްމުލްޝައިޙް ގައި އޮންނަ ބައްދަލުވުމުގައި އެމަނިކުފާނު ތަމްސީލު ކުރައްވާނީވެސް ސްރީލަންކާއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ލަންކާ ވަފުދާއެކު ކޮޕް27 ގައި ބައިވެރިވެވަޑައިގަތުމަށް ނިންމެވީ މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވާ ވަފުދުން އެމަނިކުފާނަށް ދައުވަތު ދެއްވާފައި ނުވާތީއެވެ. ރާއްޖޭގެ ވަފުދުގެ އިސްވެރިއަކަށް ވަޑައިގަންނަވަނީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. ރައީސް ނަޝީދު ފުރާވަޑައިގަންނަވާ ފްލައިޓުން ނައިބު ރައީސްއާއި ރާއްޖޭގެ ވަފުދުގެ ބޭފުޅުންވެސް މާދަމާ މިސްރަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް މަޢޫލޫމާތު ލިބެއެެވެ.

ލަންކާ ވަފުދުގެ މެންބަރެއްގެ ގޮތުގައި ރައީސް ނަޝީދު ކުރައްވާ ދަތުރުފުޅުގެ ހުރިހާ ޚަރަދެެއް ކުރުުމަށް ހަމަޖެހިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާ, ކްލައިމެޓް ވަލްނަރަބަލް ފޯރަމް(ސީވީއެފް) އިންނެވެ.

ރާއްޖޭގެ ވަފުދުން ރައީސް ނަޝީދަށް ފުރުސަތު ނުލިބި, އެހެން ޤައުމެއް އެމަނިކުފާނު ތަމްސީލު ކުރައްވާއިރު ރައީސް ނަޝީދުއަކީ ކޮޕް ބައްދަލުވުމުގައި އެންމެ ގިނައިން ބައިވެރިވެވަޑައިގެން ރާއްޖޭގެ ނާޒުކުކަމާއި މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއާއި ރާއްޖެފަދަ ކުދި ގައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކާ ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ގިނަ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އެމަނިކުފާނު ވަނީ ފާއިތުވި 15 އަހަރުގައި ބޭއްވި ކޮޕްގެ ހުރިހާ ބަައްދަލުވުންތަކެއްގައި ރާއްޖެ ތަމްސީލުކޮށް, އެ ބައްދަލުވުންތަކުގެ މަޝްވަރާތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.

އަދި މީގެ އިތުރުން ކޮޕް ބައްދަލުވުމުގެ މުހިއްމުކަން ފާހަގަކޮށް, ބައްދަލުވުމުގައި ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތުމުގެ މުހިއްމުކަންވެސް ރައީސް ނަޝީދު ގެންދަވަނީ ފާހަގަކޮށް އެކަމަށްވެސް ލޮބީ ކުރައްވަމުންނެވެ. އެގޮތުން އިނގިރޭސި ބޮޑުވަޒީރު ސުނާކު ކޮޕް27އަށް ވަޑައިނުގަތުމަށް ނިންމާފައިވަނިކޮށް, އެކަން ފާހަގަކޮށް ރައީސް ނަޝީދުވަނީ އިނގިރޭސި ބޮޑުވަޒީރު ވަޑައިގަތުމުގެ މުހިއްމުކަން މީޑިއާގެ ސަމާލުކަމަށް ގެންނަވާފައެވެ. ނަތީޖާއެއްގެ ގޮތުން ބޮޑުވަޒީރު ސުނާކަށް ކުރިމަތިވި ފާޑުކިޔުންތަކާއެކު ކޮޕް27ގައި ބޮޑުވަޒީރު ސުނާކާއި އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނަ ވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގެ ވަފުދުން ރައީސް ނަޝީދަށް ފުރުސަތު ނުދެއްވީ ކީއްވެގެންތޯ ސުވާލުކުރުމުން, ރައީސް ނަޝީދަށް މިފަހަރު ފުރުސަތު ނުދެއްވި ސަބަބެއް ސަރުކާރުން ވިދާޅެއް ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ވިދާޅުވީ މިފަހަރު ކޮޕް27 ގައި ރާއްޖޭގެ ވަފުދުގެ އިސްވެރިއަކަށް ވަޑައިގަންނަވާނީ ނައިބު ރައީސް ފައިސަލް ނަސީމްކަމަށެވެ. އަދި މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހްއާއި ރައީސް މުހަައްމަދު ނަޝީދު ވަޑައިގެންނެވިކަމަށް ތަރުޖަމާން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!