މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ގުޅިގެން ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ ތުހުމަތު ކުރައްވައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓާއި ގުޅޭގޮތުން އެމްއެމްއޭ އިން ދިން ލަފަޔާ ގުޅިގެން މިއަދު ބޭއްވި ބަޖެޓް ކޮމިޓީގައި ވާހަކަދައްކަމުން ޔައުގޫބް ވިދާޅުވީ އެމްއެމްއޭގެ ލަފަޔަކީ ސީދާ ގޮތުން ސިޔާސީ ދީފައެއް ލަފައެއް ކަމަށެވެ.
”އަޅުގަނޑަށް މި ފެންނަ ފެނުމަކީ ސަލާމަތީ ބާރުތަކުގެ ސަޕޯޓް ސަރުކާރު ވައްޓާލަން ނުލިބުނީމަ، އެމްއެމްއޭގެ ސަޕޯޓު ހޯދައިގެން އެމަގަށް ބަޔަކު މަސައްކަތް ކުރަމުންދާތަން.“ ޔައުގޫބް ވިދާޅުވި އެވެ.
ޔައުގޫބު ވިދާޅުވީ އެމްއެމްއޭގެ ލަފާގައި މާލޭގައި ހިންގާ ޕްރޮޖެކްޓުތައް ކުރިއަށްގެންދަން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތައް ހުއްޓާލަން ރިކޮމެންޑްކޮށްފައިވާ ކަމަށާއި މިއީ ކަނޑައެޅިގެން ދެކޮޅު ކަމެއް ކަމަށެވެ. އަދި 2009 ވަނަ އަހަރު ދައުލަތުގެ ރިޒާވް 32 މިލިއަން ރުފިޔާ އަށް ވެއްޓުނުއިރު އޭރުގެ ފިނޭންސް މިނިސްޓަރަކަށް ހުންނެވި މިހާރުގެ ގަވަރުނަރު އެކަމާ ކަންބޮޑުވެގެން ވާހަކަ ދައްކަވާފައި ނުވާ ކަމަށް ޔައުގޫބް ވިދާޅުވި އެވެ.
”ދައުލަތް ބަނގުރޫޓް ވެއްޖެއޭ ކިޔާފައި ބޭނުން ކުރެވޭ ވަރަށް ހުރި ރިޒާވް މާބޮޑަށް ދަށްވެއްޖެއޭ ކިޔާފައި އެކަމާ ކަންބޮޑުވާ މިހާރުގެ ގަވަރުނަރާއި މިހާރު އެކަމުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ މަޖިލީހުގެ ރައީސް އަކީ އިއްތިފާގުން އޭރު 32 މިލިއަނަށް ރިޒާވް ވެއްޓުނުއިރު ފިނޭންސް މިނިސްޓަރާއި އޭރުގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ. އެހެންވެގެން މި ދަންނަވަނީ ސިޔާސީ މަގުސަދެއްގައި ގެނެސްފައި އޮތް ލަފައެއް.“ ޔައުގޫބް ވިދާޅުވި އެވެ.
ޔައުގޫބް ވަނީ އޭރު ނުވި ކަންބޮޑުވުމެއް މިހާރު ގެންނަންޖެހޭ ސަބަބާއި މެދު ސުވާލު އުފެދޭ ކަމަށާއި އެގޮތުން މިހާރުވެސް ރިޒާވްގައި 105 މިލިއަން ޑޮލަރު އެބަހުރި ކަމަށް ވިދާޅުވެފަ އެވެ.
ޔައުގޫބްގެ ވާހަކަ އަށް ރައްދު ދެއްވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އޭރު ރިޒާވް ދަށްވުމުން ދިޔައީ އައިއެމްއެފްގެ ޕްރޮގްރާމަކަށް ކަމަށާއި އެ ޕްރޮގްރާމަށް ދިޔުމަކީ އެއީ ކަންބޮޑުވުން ފާޅުކުރުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.