ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޓެކްސް ބިލަށް މިއަދުގެ ޖަލްސާގައި ވެސް ވޯޓަށް ނޭހުމުން، ރިޔާސަތުގެ ނިންމުމާ ދެކޮޅަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ނުކުންނަވައިފިއެވެ.
ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު ކޮމެޓީން ދިރާސާކޮށް ނިންމައި، މަޖިލީހުގެ ތަޅުމަށްފޮނުވާފައިވާތާ ދެ ހަފްތާވަނީވެފައެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެފަދަ ރިޕޯޓަކަށް ދޭންޖެހޭނީ ތިން ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އިއްޔެ ޖަލްސާއަށް ވެސް ކޮމެޓީ ރިޕޯޓު އެޖެންޑާ ކުރުމަށްފަހު، ވޯޓަކަށް ނާހައެވެ. މިއަދު ވެސް އެ ރިޕޯޓަށް ބަހުސް ކުރުމަށްފަހު ވެސް ވޯޓަކަށް ނާހައެވެ.
މަޖިލީހުގެ ވޯޓުގެ ގަޑީގައި އެ ބިލަށް ވޯޓަށް ނާހާތީ، އެކަމާ ކަންބޮޑުވުންފާޅު ކުރައްވައި ބިގޭ ނުކުމެވަޑައިގެންނެވީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށެވެ. މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގެ މޭޒާއި އަމީންއާންމު ފާތިމަތު ނިއުޝާ އާއި ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ އިންނަވާ މޭޒު ކައިރިއަށް ވަޑައިގެން ބިގޭ މިއަދު ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. ބިގޭ ކަންބޮޑުވުންފާޅު ކުރެއްވި ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
“އަމީންއާންމާއި ކައުންސިލް ޖެނަރަލް ޔަގީންކަން ދެއްވި މިއަދު ތިން ވަނަ ކިއުމަށް ގޮސްފައި ދެން އަހާނީ ވޯޓަށް ކަމަށް،” ރައީސް ސާލިހުގެ ޅިޔަނު ބިގޭ މަޖިލީހުގެ ރިޔާސަތަށް މުހާތަބު ކުރައްވައި މިއަދު ވިދާޅުވިއެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނަޝީދާ ދެކޮޅަށް ބިގޭ ނުކުންނެވުމުން، އޭނާގެ ފަހަތުން އެހެން ބައެއް މަޖިލިސް މެމްބަރުން ވެސް ނުކުންނެވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދުގެ ނިންމުމާ ދެކޮޅަށް ބައެއް މެމްބަރުން ތެދުވެ، ރިޔާސަތުގެ ކުރިމަތީގައި
މިދިޔަ ޖުލައި މަހު ސަރުކާރުން ވަނީ މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ)އަށް ޕަސަންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ ބޮޑު ކުރަން ނިންމައިފައެވެ. އެގޮތުން މީގެކުރިން 12 ޕަސެންޓުގައި ހުރި ޓީޖީއެސްޓީ 16 ޕަސެންޓަށް އަދި ހަ ޕަސެންޓުގައި ހުރި ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑު ކުރުމަށް ވަނީ ނިންމައިފައެވެ.