ދުރޫސުލް އަހްލާގުން ދަރިން ތަރުބިއްޔަތު ކުރަން ފަޒުނާ ރައްޔިތުންނަށް ކިޔައިދީފި
ދެންމެ | 20 ނޮވެމްބަރ 2022

ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަކީ އެއްވެސް މަރްޙަލާއެއްގައި ފަސޭހަ ކަމެއް ނޫންކަމަށާއި، މުޖުތަމަޢުގެ ތެރެއިން އެކަކު އަނެކަކުގެ ތަޖުރިބާއިން ކަންކަން ދަސްކޮށް އޭގެ މަންފާއާއިއެކު، މި ޖަޒީރާގެ ދަރިން ތަރުބިއްޔަތުކުރުމަށް އެކަކު އަނެކަކަށް އެހީތެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ނ. ކެނދިކުޅުދޫ ކައުންސިލާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުންނާއި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބާ ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ”ޕޮސިޓިވް ޕޭރެންޓިންގ ޕްރޮގްރާމް“ އިފްޠިތާޙް ކޮށްދެއްވާ ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ، ދަރީންގެ ޅައުމުރުގައްޔާއި ފުރާވަރުގައި، އެ ކުދީންގެ ތަރައްޤީއަށް އިތުރު ހަރުދަނާ ކަމާއެކު އެހީވެދިނުމުގައި ބޭނުންކުރާނެ ހެޔޮތަރުބިއްޔަތުގެ ހުނަރުތައް މައިންބަފައިންނަށާއި ބެލެނިވެރިންނަށް ލިބިދީ ބާރުވެރިކުރުވުމާއި މައިންބަފައިންގެ އަމިއްލަ ދުޅަހެޔޮކަމަށްވެސް ސަމާލުކަންދޭނެ ގޮތްތައް އަންގައިދިނުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވީޑިއޯ މެސެޖުގައި އެކަމަނާ ވަނީ ކުދިން ބޮޑެތިވަމުން އަންނައިރު އެކުދިން ތަރުބިއްޔަތު ކުރުމުގައި ބޭނުންކުރާ ހުނަރާއި ފޭޑިއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމުގައި ފާހަގަކުރައްވާފައެވެ.

އެގޮތުން އެކަމަނާ ވިދާޅުވީ ކުދީންގެ ޅަފަތަކީ އެ ކުދީންގެ ކުރިމަގުގެ ބިންގާ ކަމަށެވެ. އެހެންކަމުން ދަރީން ހެޔޮ ގޮތުގައި ބޮޑުވެ ދުނިޔޭގައި ހަމަޖެހޭ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި އެ ކުދީންނަށް ބޭނުންވާ ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަމާއި އެދެވޭ ތަރުބިއްޔަތެއް ކަށަވަރު ކޮށްދިނުމަށް އެކަމަނާގެ މެސެޖުގައި ބާރުއަޅުއްވާފައިވެއެވެ.

މީގެ އިތުރުންވެސް ފަޒްނާ ވަނީ މައިންބަފައިންގެ ވާޖިބު އަދާކުރުމުގައި މަންމައާއި ބައްޕައާ ދެމީހުން ނުވަތަ ކުއްޖާގެ ބެލެނިވެރިން އެކުއެކީ މަސައްކަތް ކުރުމަށް ބާރުއަޅުވާފައެވެ. ވަކިން ޚާއްސަކޮށް ކުދީން ފުރާވަރަށް އެރުމުން މައިންބަފައިންނާ ބެލެނިވެރިންގެ ޒިންމާ އަދި ވަކީން ބޮޑަށް މުހިންމުވާކަމުގައި އެކަމަނާ ފާހަގަކުރެއްވެވިއެވެ. ހަމަ އެއާއެކު ކުދިންނަށް އަބަދުވެސް ލޯތްބާ އަޅާލުމާއެކު ރަނގަޅުގޮތްތައް ބުނެދީ ހެޔޮލަފާ ނަސޭޙަތްދިނުމަށް އެކަމަނާ ވަނީ އެދިލަޑައިގެންފައެވެ.

ފަޒްނާގެ ވީޑިއޯ މެސެޖު ނިންމަވާލައްވަމުން އެކަމަނާ ވަނީ މުޖުތަމަޢުގެ އެންމެން އެކުގައި މަސައްކަތްކޮށްފި ނަމަ، ދަރީން އުފާވެރިކަމާ ރައްކާތެރިކަމާއެކު ހެދިބޮޑުވެ އެ ކުދީންގެ ގާބިލިއްޔަތުގެ އެންމެ އުސްމިންތަކަށް ވާސިލުވުމަށް އެހީތެރިވެދެވޭނެކަމުގައި ފާހަގަކުރައްވާފައެވެ.

”ޕޮސިޓިވް ޕޭރެންޓިންގ ޕްރޮގްރާމް“ އަކީ މި ސަރުކާރުގެ މެނިފެސްޓޯގެ ތެރެއިން ފަޚުރުވެރި ދިވެހި އާއިލާ ބިނާކުރުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމަށްޓަކައި ޢާންމު މަޞްލަޙަތުތަކަށް އިސްކަންދެވޭ ފޭރާންހެޔޮ އިޖްތިމާޢީ ވެށްޓެއް ޤާއިމްކުރުމަށް މަގުފަހިވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!