މިދިޔަ 9 އަހަރު ތެރޭ ހުޅުވި ރިސޯޓްތަކަކީ އަދީބުގެ ދުރުވިސްނުމުގެ ނަތީޖާ: އެމްޓީޑީ
ދެންމެ | 20 ނޮވެމްބަރ 2022

މިދިޔަ ނުވަ އަހަރުތެރޭ ހުޅުވި ރިސޯޓްތަކަކީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މަސައްކަތް ކަމަށް އަދީބު ނިސްބަތްވެ ވަޑައިގަންނަވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އިން ބުނެފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ހަތަރުވީ އިރު، ޓޫރިޒަމް ދާއިރާގެ ތެރެއިން ހޯދި އެންމެ ބޮޑު އެއް ކުރިއެރުމަކީ ހަތަރު އަހަރުގެ ތެރޭގައި 33 ރިސޯޓް ހުޅުވުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. މީގެ ތެރޭގައި ހިމެނެނީ 2018 ގެ ފަހު ދެ މަހުގެ ތެރޭގައި ހުޅުވި ދެ ރިސޯޓަކާއި 2019 ގައި ހުޅުވި 18 ރިސޯޓަކާއި 2020 ގައި ހުޅުވި ތިން ރިސޯޓަކާއި މިދިޔަ އަހަރު ހުޅުވި ހަތް ރިސޯޓެއްގެ އިތުރުން މި އަހަރުގެ ތެރޭގައި ހުޅުވި ތިން ރިސޯޓެކެވެ.

ނަމަވެސް އިދިކޮޅު ޕީޕީއެމުން ވަނީ މި ސަރުކާރަށް ކުރެވުނުހާ ވެސް ކަމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރިސޯޓު ހަދަން ދޫކުރި ރަށްތަކުން ހުޅުވި ރިސޯޓުތަކުގެ ރިބަން ކެނޑުން ކަމަށެވެ.

މި ބަހުސްގެ ތެރެއަށް އެންމެފަހުން އަދީބުގެ އެމްޓީޑީން ވެސް ވަދެފައިވާއިރު އެ ޕާޓީން ބުނީ މިދިޔަ 4 އަހަރާ އަދި އޭގެ ކުރީ 5 އަހަރު ހުޅުވި ރިސޯޓް ތަކަކީ ވެސް ރައީސް ޔާމީން ގެނައި އިންވެސްޓްމެންޓް ތަކެއް ނޫން ކަމަށެވެ.

”އެއީ ކުރީގެ ނައިބު ރައީސް އަދި ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަހުމަދު އަދީބުގެ މަސައްކަތެވެ.“ އެމްޓީޑީން ބުނެފައިވެ އެވެ.

އެމްޓީޑީން ވަނީ އެއްވެސް ފަރާތަކުން ތާރީޚްު އޮޅުވާ ނުލުމަށް ވެސް ގޮވާލާފަ އެވެ.

ރާއްޖޭގައި މިހާރު ވެސް އިތުރު ރިސޯޓްތަކެއް ތަރައްގީކުރަމުން އަންނަ އިރު، އަންނަ އަހަރުގެ ތެރޭގައި ވެސް އޮޕަރޭޝަނަށް އާ ރިސޯޓްތަކެއް ނެރޭނެ އެވެ.

މި ވެރިކަމުގައި ޓޫރިޒަމް ދާއިރާ އިން ރާއްޖެ އަށް ލިބުނު ކުރިއެރުންތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ މަގާމުން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ލިބުން ހިމެނެ އެވެ. ރާއްޖޭގެ އިގުތިސާދު ބިނާވެފައި އޮތީ ޓޫރިޒަމަށެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓްތަކުގެ އިތުރުން ގެސްޓް ހައުސްތަކާއި ޓޫރިސްޓް ހޮޓާތަކާއި ސިޓީ ހޮޓާތައް ވެސް ހިންގަ އެވެ. އަދި ހޯމް ސްޓޭ އަކީ ވެސް މިހާރު ޓޫރިޒަމްގެ އެއް ބައެވެ. ރާއްޖޭން މި އަހަރު އަމާޒު ހިފާފައި އޮތީ 1.6 މިލިއަން ޓޫރިސްޓް ގެނައުމަށެވެ.

ގުޅުންހުރި ލިޔުންތައް