ރިޔާސީ އިންތިހާބުގެ ފޯރި ގަދަވެ، ވެރިކަން ކުރާ މައި ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ރަގަބީލުގެ އަޑު ބާރުވެފައިވާއިރު، މުޅި ސަރުކާރު އެއްވާމަކަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށް ކެމްޕޭން ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ސޯލިހަށެވެ.
އެމްޑީޕީގެ ރައީސް ނަސީދާއި ރައީސް ސޯލިހްގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު، ސަރުކާރުގެ ބާރުގަދަ ކަރަޕްޓް ވަޒީރުގެ ގޮތުގައި އަޑު ފަތުރާފައިވާ އިކޮނޮމިކް މިނިސްޓަރ އަދި ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒު އިސްމާލު މައިދާން ދޫކޮށްފިލައިފި އެވެ. އޭނާގެ ހަބަރެއް ހިލަމެއް ވެސް ނެތެވެ. ވުޖޫދުން ވެސް އަތްފުނާ އަޅައިގެން ވެސް ލޮލު ކޮޅަށް ވެސް އޭނާ ފެންނާކަށް ނެތެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އިބޫގެ ސަރުކާރުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ބޮޑެތި ކަރަޕްޝަންތަކުގެ މުގުލުގައި ހުރިކަމަށް ތުހުމަތު ކުރެވޭ ފައްޔާޒު މައިދާނުން ގެއްލުނު ކަމަށް ވަނީ ރަނިންގ މޭޓުކަން ޝާހިދަަށް ދިނުމަށް އިބޫ ނިންމުމުގެ އިތުރުން ކުރީގެ އެމްޑީޕީގެ ޗެއަރޕާޝަން ރީކޯ މޫސާ މަނިކަށް ބޮޑެތި ބާރުތަކެއް ދެއްވުމުންނެވެ.
ފައްޔާޒުގެ ހިތް ފަޅައިގެން ދިޔަ އެންމެ ބޮޑު ސަބަބަކީ ރައީސް އިބޫގެ ރަނިންގ މޭޓަކަށް ވުމަށް ފައްޔާޒު އިންތިހާއަށް ބޭނުންވެ އެކަން ރައީސް ހުށަހަޅައިފައި ވަނިކޮށް ޝާހިދަށް ރަނިންގ މޭޓުކަން ދެއްވުމަށް ނިންމުމެވެ. އަދި ރީކޯއަށް ރައީސް ސޯލިހް އިންތިހާއަށް އިތުބާރު ކުރެއްވުމާއި ފައްޔާޒަށް ނޭނގި ރީކޯ އާއި ސާހިދުގެ ޓީމާއި އެކު މުލިއާގޭގައި ސިއްރު ބައްދަލުވުން ތަކެއް ބާއްވުމެވެ.
ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެތައް މިލިޔަން ރުފިޔާއެއް ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައްޔާޒުގެ އަރިސް ބޭފުޅަކު ވިދާޅުވީ މިހާރު ފައްޔާޒު ރައީސް ސޯލިހްގެ ކެމްޕޭންގައި އުޅުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި ރީކޯ މޫސާ އާއި ޝާހިދުގެ ބާރު ރައީސް އިބޫ ކައިރީގައި މާބޮޑަށް ގަދަވެފައިވާ ކަމަށެވެ.
“ ހަގީގަތުގައި މިނިސްޓަރ ފައްޔާޒު ބޭނުންފުޅުވީ ރައީސް ސޯލިހްގެ ރަނިންގ މޭޓަކަށްވާން. އަދި 2023 ގެ ދައުރަށް ފަހު 2028 ގައި ރައީސުލްޖުމުހޫރިއްޔާ ކަމަށް ވާދަ ކުރައްވަން އެހެންނަމަވެސް ރައީސް ސޯލިހް އެފުރުސަތެއް ނުދެއްވި. މި އޮށް ހުރިހާ ދުވަހު މުޅި ސަރުކާރު ހިފެހެއްޓި މީހަކީ ފައްޔާޒު އެހެންނަމަވެސް މިއަދު އިބޫއަށް ފައްޔާޒަށްވުރެ، ރީކޯ އާއި ޝާހިދު މުހިއްމު ވެއްޖެ.“ ފައްޔާޒުގެ އަރިސް ބޭފުޅަކު ވިދާޅުވި އެވެ.
ތެދެކެވެ. ސަރުކާރު ގިނަ ކުންފުނިތައް ކޮންޓްރޯލު ކުރަމުން ގެންދެވީ ފައްޔާޒެވެ. ގިނަ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނަށް ފައްޔާޒު ނުބުނާ ގޮތަކަށް ނޭވައެއް ވެސް ލައްވާކަށް ނުކުރެ އެވެ. އެހެންނަމަވެސް ފައްޔާޒުގެ ކުއްލި މިވަކިވުމުގެ ސަބަބުން ގިނަ ބޭފުޅުން އަދި ވެސް ތިއްބެވީ ވާނުވާ ނޭގުމެއްގެ ތެރޭގަ އެވެ.