ރައީސް ސޯލިހް އެމްޑީޕީއަށް މަލާމާތް ކުރަނީ ބަގާވާތުގެ ބައިވެރިން އަޑީތިބެ: ވައްޑޭ
ދެންމެ | 08 ޖެނުއަރީ 2023

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓިގެންދިޔަ ގޮތާއި އަޅުވައި އެމަނިކުފާނަށް މަލާމާތްތައް ރައްދުކުރަމުންދަނީ “ބަގާވާތުގައި” ބައިވެރިވި މީހުނާއިއެކުގައި ތިބިގެންކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ގުޅިގެން އުފެދިފައިވާ ކޯޅުންގަނޑުގެ ތެރޭގައި ދެ ފެކްޝަނުންދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. ރައީސް ނަޝީދު އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން ރައީސް ސާލިހުގެ ވެރިކަމުގައި ވައުދުތައް ނުފުއްދޭކަމަށާއި، އެމަނިކުފާނު “ރިއެކްޓު” ނުކުރައްވާކަމަށް ވިދާޅުވެ މަލާމާތުގެ ބަސްތައް ރައްދުކުރައްވާއިރު، ރައީސް ސާލިހު އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ގެންދަވަނީ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަަށް އައި ދުވަހުގެ ހަނދާންތައް އާކޮށްދެއްވަމުންނެވެ.

އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ގައުމީ ސަލާމަތާއިބެހޭ ކޮމިޓީގެ ނައިބު މުގައްރިރެއްގެ މަގާމުގައި ހުންނެވި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމްވަނީ ވެރިކަން ވެއްޓެން ދިމާވީ ކޮން “ރިއެކްޝަނެއް” މެދުވެރިވެގެންކަމާއިމެދު ސުވާލު އުފައްދަވާފައެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާވެސް ވަނީ ވެރިކަމެއް ދެމެހެއްޓޭނީ އެކަމަށް ގާބިލު ބޭފުޅަކަށް ކަމަށް ވިދާޅުވެފައެވެ.

ނ ވެލިދޫގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާގައި ރައީސް ސާލިހުވެސް ވަނީ އެ ދުވަހުގެ މައްޗަށް އަލި އަޅުއްވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެންދިޔައީ އެންމެ ރަނގަޅު ގޮތަށް ނޫންކަމަށާއި އެއަށްފަހު އައި ރިޔާސީ އިންތިހާބުގައިވެސް ރައީސް ނަޝީދު ނާކާމިޔާބުވެގެންދިޔަކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއިމެދު ނުރުހުން ފާޅުކުރައްވާ، ވަހީދު ވިދާޅުވީ، ރައީސް ނަޝީދަށް މަލާމާތްތައް ރައްދު ކުރަމުންދަނީ “ބަގާވާތުގެ” ބައިވެރިން ކުރީ ސަފުގައި ބައިތިއްބައިގެންކަމަށެވެ. އަދި އެ ފަދަ ބަޔަކާއި އެކުވެގެން ހީ ހަދަމުންދަނީ ގިނަ އަދަދެއްގެެ މީހުންނަށް ލިބިގެންދިޔަ އަނިޔާއަކަށް އިޝާރާތްކޮށްކަމަށް އެނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަކީ، ބަޔަކު މީހުން ރާވައިގެން ގައުމަށް ދީފައިވާ ބޮޑެ ގެއްލުމެއްކަމަށެވެ. އަދި އޭރު ރައީސް ނަޝީދު ފަދަ ބޭފުޅަކު ނެތްކަމަށް ފާހަގަކޮށް އެ ވާހަކަތައް ދެއްކެވި ބަޔަކު، އެމަނިކުފާނާއި ޒާތީ ގޮތުން ޖައްސާލައި ވެރިކަން ވެއްޓިގެންދިޔަ ގޮތާއިމެދު މަލާމާތްތައް ރައްދު ކުރުމަކީ ބޮޑުވަރުކަމަށް އެނާ ވިދާޅުވިއެވެ.

ދެ ފެކްޝަންގެ ދެމެދު ބޮޑެތި ކޯޅުންތައް އުފެދި، ބަހުގެ ހަމަލާތައް ރައްދުކުރަމުންދާއިރު، މީގެ ކުރިން ރައީސް ނަޝީދުވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓަށް ނުފޫޒު ފޯރުވުމަށް ރައީސް ސާލިހު މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ.

އެ މަނިކުފާނުގެ ކެމްޕެއިން ޓީމުން ބުނާގޮތުން ޕާޓީގެ އެތައް ހާސް މެމްބަރުންނެއް ވަކި ކުރެވިފައިވަނީ ރައީސް ނަޝީދަށް ލިބިގެންދާ ވޯޓުގެ އަދަދުތައް މަދުކޮށް، ރައީސް ސާލިހަށް ކާމިޔާބީ ފަހިކުރުމުގެ ގޮތުންނެވެ. އެހެންނަމަވެސް މި އިންތިހާބު ބޮއި ކޮޓް ކޮށް ނަން ނެގުމުގެ ވިސްނުމެއް ނެތްކަމަށާއި، ކާމިޔާބު ކުރާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސް ސާލިހުވެސް ވަނީ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ އެމަނިކުފާނަށް ބޮޑުތަނުން ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން އޮތްކަން ހާމަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!