ފްލެޓުގެ ވާހަކަ އެއްވެސް މީހަކު ދައްކައިގެން ނުވާނެ: ރައީސް ސޯލިހް
ދެންމެ | 11 ޖެނުއަރީ 2023

ފްލެޓާއި ގޯތީގެ ވާހަކަ އެހެން ބޭފުޅުން ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ބޭއްވި ރައީސް ޞާލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހަދަމުންދާ 7،000 ފްލެޓްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މާލޭ ރައްޔިތުންނަށް ދޫކުރާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި 5،000 ގޯތި ދޫކުރުމާ ގުޅޭ މަސައްކަތްތައް ހިނގަމުންދާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ބޯހިޔާވަހިކަމުގެ ވާހަކައަކީ ވޯޓު ހޯއްދަވަން ދައްކަވާ ވާހަކަ އަކަށް ނުހައްދަވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ވޯޓަކާއި ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި މި އަހަރުގެ މެދަށް އަންނަ އިރު ސަރުކާރުން ވީ ވައުދާ އެއްގޮތަށް މާލޭގެ ރައްޔިތުންނަށް ގޯތި ކަނޑާފައި ދޭނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމުން އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ފްލެޓާއި ގޯތި ދޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.

ރައީސް ވިދާޅުވީ ހައުސިން މިނިސްޓްރީން ފްލެޓާއި ގޯތީގެ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހާމަކަން ބޮޑު ގޮތެއްގައި ވީހާ ވެސް ރަނގަޅަށް އެ މަސައްކަތް ކުރަށްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މުޅި ރާއްޖޭގައި 16،000 އަށް ވުރެ ގިނަ ފްލެޓާއި ގޯއްޗާއި ރޯ ހައުސްގެ މަޝްރޫއުތައް ކުރިޔަށް ގެންދާކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އަޅަން ފެށި ފްލެޓްތައް މި ދައުރުގެ ތެރޭގައި ނިންމާލާނެ ކަމަށެވެ. އަދި ފްލެޓަށް ބޭނުން ވެފައިވާ މާލޭގެ ރައްޔިތުންނަށް އެ ތަންތަނަށް ވަދެވޭވަރު މިއަހަރުތެރޭ ކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!