އާސަންދަ އާއި ދޮށީ ބޭފުޅުންނާއި އެކަނިވެރި މައިންނާއި ހާއްސަ އެހީ މީހުންގެ އިނާޔަތް ދިނީ ތިމަންނައޭ އަދި ރައީސް ބުނާނެ: އީވާ
ދެންމެ | 23 ޖެނުއަރީ 2023

ދިވެހިންނަށް އާސަންދަ ދިނީ ރައީސް ޞާލިހު ކަމަށް އެމަނިކުފާނު އަމިއްލަފުޅަށް އަދި ވިދާޅުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ، ރާއްޖެއަށް ގެސްޓްހައުސް ވިޔަފާރި ގެނައީ ނަޝީދުގެ ވެރިކަމުގައި ނޫންކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވުމާ ގުޅިގެންނެވެ.

ކ. ގުރައިދޫގައި ކުރިއަށް ގެންދިޔަ ކެމްޕޭން ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ނަޝީދުގެ ވެރިކަމުގެ ކުރިން، މަޖިލީހުގެ ގަރާރަކުން ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފެށިފައިވާ ކަމަށެވެ.

އެކަމާ ނުރުހުން ފާޅުކުރައްވައި، އީވާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އާސަންދައިގެ ހިދުމަތް ދޭންފެށީގެން ރައީސް ޞާލިހު ކަމަށް އެމަނިކުފާނު ދައުވާކުރަން ފައްޓަވާފާނެ ކަމަށެވެ.

ރައީސް ޞާލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖޭގައި ކުރިއަރަމުންދާ ލޯކަލް ޓޫރިޒަމްއަށް ބޮޑު ބަދަލު އައީ ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި ކަމަށެވެ.

”ސަރުކާރަށް ލާޒިމުކުރާ ގަރާރު މަޖިލީހުން ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު. އޭރު މަޖިލީހުގައި ތިއްބެވި ބޭފުޅުން މި ތިއްބެވީ، މޫސާ މަނިކު، ޝާހިދު، މާރިޔާ ދީދީ، އަޅުގަނޑު ހިތުން މަހުލޫފު ވެސް އެތާ އިންނަވާނެ އަދި އަޅުގަނޑު ވެސް އެތާ ހުރިން އެ ދުވަސްކޮޅުގައި.“ ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކުރިން މާލެ ނޫން ރަށެއްގައި ގެސްޓްހައުސް ހިންގުން މަނާ ކުރެވިފައި އޮތް ނަމަވެސް، މަޖިލީހަށް ތަކުރާރުކޮށް އެކަމާގުޅޭ ގަރާރު ފޮނުވައި، ރަށްރަށުގައިވެސް ގެސްޓްހައުސް ހިންގޭގޮތަށް ބަދަލު ގެނައީ އެމްޑީޕީ ފުރަތަމަ ވެރިކަމަށް އައުމުގެ ކުރިން، މަޖިލީހުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.

”އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންގެ ކުރީ ސަރުކާރުގައި މަސައްކަތްތަކެއް ޕްރޮމޯޓުކުރަން ނުކުރާ ވާހަކައެއް ނޫން. އެހެން ނަމަވެސް، މި ފުރުސަތު ރަށްރަށަށް ލިބިގެން ދިޔައީ 2008 ވަނަ އަހަރުގެ ކުރީކޮޅު މަޖިލީހުން ފާސްކުރި ގަރާރަކުން،“ އެ ވާހަކަ ތަކުރާރުކުރައްވައި ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!