އިންތިހާބު ކާމިޔާބު ކުރާނީ ލޮދިކޮށް: ރައީސް ނަސީދު
ދެންމެ | 26 ޖެނުއަރީ 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާނީ ފަސޭހަކަމާއެކު ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ފަހު ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ މުޅި ދައުލަތާއި ސަރުކާރު ހިއްސާވާ ހުރިހާ ކުންފުންޏާއި، ހުރިހާ ތަކެއްޗަކާ އެކު އެމަނިކުފާނަށް މި އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށް ވާދަވެރިން ހިސާބު ޖެއްސެވި ކަމަށެވެ.

”އެހެން ނަމަވެސް ތި ބޭފުޅުން ތި ތިއްބެވީ ނިކުމެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އިންތިހާބު ފަސޭހަކަމާއެކީގައި ކާމިޔާބު ކުރާނެ.“ ނަޝީދު ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ބަޔަކު ޖަމާވި މި ޖަލްސާގައި ނަޝީދު ވަނީ އަލުން އަނބުރާ ވެރިކަމަށް ވަޑައިގެންނެވިއްޖެ ނަމަ ފުއްދަވާނެ ވައުދުތައް ހާމަކުރައްވާފަ އެވެ. އެގޮތުން ޓެކްސް ކުޑަކުރައްވާނެ ކަމާއި، ތަކެތީގެ އަގު ކުޑަކޮށް މަހުގެ އަގު އުފުލައިދީ ދަރިވަރުންގެ ލޯނު އަނބުރާ އެކުލަވާލާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

”ފާގަތި މާދަމާއަށް އަލިވިލޭ މަންޒަރު އަޅުގަނޑަށް އެބަ ފެނޭ. އަޅުގަނޑަށް އެބަ އެނގޭ މިސްރާބު ހިފާފައި ހުރީ ތިބޭފުޅުންގެ ރާއްޖެ އަކަށް މިރާއްޖެ ހެދުމަށް. އަނެއް ދިވެހިރާއްޖޭގެ މަލަމަތި އަޅުގަނޑުމެންގެ ކުރިމަތީގަ، އެ ދިވެހިރާއްޖެއަށް ކުރާ ދަތުރު މި ނޮވެމްބަރު މަހު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާނަން.“ ނަޝީދު ވިދާޅުވި އެވެ.

ދެން އުފެދޭ ސަރުކާރެއްގައި ތަންފީޒު ކުރާނީ އެމްޑީޕީގެ ސިޔާސަތުތައް ކަމަށާއި ރާއްޖެއަކީ ދިވެހި ރައްޔިތުންގެ ރާއްޖެއަކަށްވެ، ރައްޔިތުންގެ މަންފާއާ ފައިދާއަށް ހިންގޭ ސަރުކާރެއް އަނެއްކާވެސް ރާއްޖޭގައި ހިނގަން ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.

ނަޝީދުގެ ކެމްޕެއިން ނިންމާލުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު މާލޭގައި ބާއްވާ ބޮޑު ހިނގާލުމަކުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!