ވަގުތުގެ އަޖަލުގައި ފަޓާސް ބަރިއެއް ހެން ޖަހާލި ކަޑަތަކުން ރައީސް ސޯލިހް އަވަދި ވެއްޖެ: ވައްޑެ
ދެންމެ | 31 ޖެނުއަރީ 2023

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކަށްޓަކައި ”އެތައް ކަޑައެއް“ ޖަހައިފައިވާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކައިރިވެފައިވަނިކޮށް، ސަރުކާރުން ވަނީ ބައެއް ރަށްރަށުގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް އިޢުލާނު ކުރައްވައިފައެވެ. ނޫސްވެރިޔަކު ވަނީ އެފަދަ ބައެއް ޚަބަރުތަކުގެ ސުރުހީތައް ހިއްސާކޮށްފައެވެ. އެ ސުރުހީތައް ވައްޑެވެސް ހިއްސާ ކުރައްވައި ވިދާޅުވީ، މިއީ އެތެރޭގެ އިންތިޚާބަކަށް ޖަހައިލިހާ ކަޑަ ކަަމަށެވެ.

ޕްރައިމަރީ ބޯމަތިވަމުން ދަނިކޮށް ސަރުކާރުން ވަނީ ބައެއް ރަށްރަށުގައި ހައުސިން ޔުނިޓް އެޅުމަށް ބީލަމަށް ހުޅުވައިލުމާއި، ހޮސްޕިޓަލު އަޅާނެ ބަަޔަކު ހޯދުން ފަދަ ކަންކަން އިއުލާނު ކުރައްވައިފައެވެ.

ޕްރައިމަރީގައި ވައްޑެ ތާއީދު ކުރައްވައިފައިވަނީ އެމްޑީޕީގެ ރައީސް ނަޝީދަށެވެ. އޭނާ ވަނީ ޕްރައިމަރީގެ ކެމްޕެއިނުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ އިންތިޚާބުގައި ރައީސް ނަޝީދު ބަލިވެވަޑައިގެންފައިވާއިރު، އިއްޔެ އެ މަނިކުފާނު ބަލީ ބަލި ޤަބޫލު ކުރެއްވިނަމަވެސް، ރައީސް ޞާލިޙާ ވަކިން، ”ފިކުރެއްގެ ދިރުން“ގެ ގޮފިތަކެއް ހަދައިގެން، ޕްރައިމަރީއާ ދިމާކޮށް ޕާޓީން ވަކި ކުރި މެމްބަރުންގެ ހައްޤުގައި މަސަައްކަތް ކުރައްވާނެކަން ހާމަކުރައްވައިފައެވެ.

އަދި ރައީސް ޞާލިޙާއެކުގައި، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވާ ވާހަކަވެސް ރައީސް ނަޝީދު އިއްޔެ ތަކުރާރު ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!