މަޖިލީހުގެ އަންހެން ދެ ސެކިއުރިޓީން ފިރިހެން މެމްބަރުންނާއި އޮޅުލައި ޖިންސީ ގޯނާ ކޮށްފި
ދެންމެ | 06 ފެބްރުއަރީ 2023

މިއަހަރަށް ރައްޔިތުން މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި، އިހްތިޖާޖް ކުރި އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުން ބޭރުކުރަން ފިރިހެން ސެކިޔުރިޓީންގެ ބަދަލުގައި އަންހެން ސެކިޔުރިޓީން ނެރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެއްޖެއެވެ.

މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރިޔާސީ ބަޔާން އިއްވަވަން ފެށްޓެވުމާއެކު އިދިކޮޅު މެންބަރުން އިހްތިޖާޖު ކޮށް ރިޔާސީ ބަޔާން އިއްވަވަން ހުރަސް އެޅިއެވެ. އަދި އިދިކޮޅު މެންބަރުން އިހްތިޖާޖާއި ގުޅިގެން ޖަލްސާ ކުރިއަށް ނުގެންދެވިގެން ބައެއް މެމްބަރުންގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނުކުތުމަށް ރިޔާސަތުގައި އިންނެވި މަޖީލީހުގެ ރައީސް މުހައްމަދު ނަޝީދު އެންގެވިއެވެ.

އެހެންނަމަވެސް އެމެންބަރުން ނުނުކުތުމާއެކު ޖަލްސާ މެދުކަނޑާލައި ބާރުގެ ބޭނުން ކޮށްގެން މެންބަރުން ބޭރުކޮށްފައިވާއިރު، ފިރިހެން މެންބަރުން ތަކެއް ބޭރުކުރުމަށް ނެރެފައިވަނީ އަންހެން ދެ ސެކިޔުރިޓީންނެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ މަޖިލީހަށް އަމާޒުވެފައެވެ.

އެގޮތުން ފިރިހެން މެންބަރުން ބޭރުކުރަން އަންހެން ސެކިޔުރިޓީން ބޭނުން ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާ، އެފަދަ ކަންކަން މިހާރު ”ހަލާލް“ ވީތޯވެސް ބައެއް މީހުން ވަނީ އަހާފައެވެ.

މީގެ އިތުރުން ފިރިހެނުން ތަކެއް އައިސް އަންހެނެއްގެ ގައިގައި އެފަދައިން އަތްލާނަމަ ވަރަށް ބޮޑު މައްސަލަ އަކަށް ވާނެ ކަން ފާހަގަކުރައްވައި ޖަމިއްޔަތުއް ސަލަފްގެ ޗީފް މާކެޓިން އޮފިސަރު ޢަލީ ރަމީޒް ވަނީ އަންހެނުން ތަކެއް ފިރިހެނުން ގައިގައި އެފަދައިން އަތް ލާންވީ ކޮން ހަމަ އަކުންތޯ ސުވާލު ކުރައްވާފައެވެ.

މިކަމާއި ގުޅިގެން ސަރުކާރަށް އެންމެ ބޮޑަށް ތާއިދު ކުރައްވާ އެއް ދީނީ ޢިލްމުވެރިއެއް ކަމަށްވާ އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި އޭނާ ވެސް ވަނީ އެއީ ބަލާލަން ވަރަށް ހުތުރު މަންޒަރެއް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް މީހުން ކޮށްފައިވާ ޓުވީޓް ތަކުގައި ވަނީ އެއީ ބަލާލަން ވަރަށް ލަދުވެތި މަންޒަރެއް ކަމަށާ، އަންހެނުން ލައްވައި ގަދަ ކަމުން އެމީހުންނަށް ނުވާވާރުގެ އެފަދަ ކަންކަން ކުރުވުމަކީ އެއްގޮތަކަށްވެސް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!