ސިޔާމް، ހިލްޓަން ދައްކަންޖެހޭ 400 މިލިޔަން ރުފިޔާ ސަރުކާރުން ދައްކަން ނިންމައިފި
ދެންމެ | 21 ޖުލައި 2023

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ކުންފުނިން ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން ހިލްޓަންއަށް ދައްކަންޖެހޭ 24 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދިވެހި ސަރުކާރުން ހަމަޖައްސައި ދިނުމަށް ނިންމައިފިއެވެ.

ސިޔާމް ތަރައްޤީކުރެއްވި ރަށެއް ކަމަށްވާ ނ.އިރުފުށި ހިންގަން މަޝްހޫރު ހޮޓެލް ޗެއިން ހިލްޓަންއާއި އެކު އެއްބަސްވުމެއް ހެދުމަށްފަހު، ސަން ކުންފުނިން އެ އެއްބަސްވުން ބާތިލު ކުރި މައްސަލާގައި، ހިލްޓަންއަށް ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭންޖެހޭނެކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ ނިންމާފައެވެ. އެކަމަކު އެ ނިންމުމަށް އަމަލުނުކޮށް ސަން ކުންފުނިން ވަނީ އެ ފައިސާ ދޭން ދެކޮޅު ހަދާފައެވެ. އެކަމާ ގުޅިގެން ހިލްޓަން އިން ވަނީ އެ މައްސަލަ ތަންފީޒުކުރުމަށް ސިންގަޕޫރުގެ ހައިކޯޓަށާއި ރާއްޖޭގެ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. ހިލްޓަންއިން އާބިޓްރޭޝަން މައްސަލަ ރާއްޖޭގައި ތަންފީޒު ކުރުމަށް ހުށަހެޅުމުން އެ މައްސަލަ މިހާރު އޮތީ ރާއްޖޭގެ ކޯޓު މަރުހަލާގައި ތާށިވެފައެވެ.

ސިންގަޕޫރު ހައިކޯޓުގައި އެ މައްސަލައިގެ އަޑު އެހުމެއްގައި ބައިވެރިވެވަޑައިގަތުމަށް ސިޔާމް އެ ޤައުމަށް ވަޑައިގަތުމުން ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. އެކަމާއި ގުޅިގެން އޭނާގެ ދިފާއުގައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީންނާއި ފުލުހުންގެ ހިދުމަތުން ވަނީ ސިންގަޕޫރަށް ސިޓީ ފޮނުވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާމް ވަނީ އެ ފައިސާ ދެއްކުމަށް މިހާރު ކޯޓުގައި އެއްބަސްވެފައެވެ. އަދި ރައީސް އިބްރާހީމް ވަނީ ދިވެހި ސަރުކާރުން އެ ފައިސާ ހަމަޖައްސައިދޭނެ ކަމުގެ ޔަގީން ކަން ދީފައެވެ.

މިގޮތުން ސަރުކާރުގެ ކޮންޓްރޯލް އޮންނަ ބައެއް ބޭންކުތަކުން އަދި މަރުކަޒީ ބޭންކުން އެކަމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދެއްވަން ރައީސް އިބްރާހީމް ނިންމަވާފައިވާކަމަށް އިތުބާރު ހުރި މަސްދަރަކުން ވަނީ މައުލޫމާތު ލިބިފައެވެ. ސިޔާމަކީ ރައީސް އިބްރާހީމް ވެރިކަމުގެ ދެވަނަ ދައުރަކަށް ވަޑައިގަންނަވަން އުފައްދަވާފައިވާ ކޯލިޝަނުގެ އެއްބައިވެރިޔާއެވެ.

މީގެ ކުރިން ސިޔާމްގެ ކުންފުނިން ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައި އޮތް ލޯނަށް ދައްކަންޖެހޭ ފައިސާ ނުދެއްކި ޑިފޯލްޓުވާން އުޅެނިކޮށް އެ ފައިސާ ވެސް ދިނީ ބޭންކް އޮފް މޯލްޑިވްސް އިން ލޯނެއް ހަމަޖައްސައި ދީގެންނެވެ.

މި ފައިސާ ހަމަޖައްސާނެ ކަމުގެ ޔަގީންކަން ސިންގަޕޫރުގެ ކަމާއިބެހޭ ފަރާތްތަކަށް ދޭން ރައީސް އޮފީހުގެ ފަރާތުން ރޭ ވަފުދެއް ސިންގަޕޫރަށް ފުރާފައިވާކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ސިޔާމުގެ ދިފާއުގައި ސަރުކާރުން ސިންގަޕޫރަށް ސިޓީ ފޮނުވި މައްސަލާގައި ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!