މިއީ ގާސިމަށް ރަނުގެ ފުރުސަތު އިބޫ ފަހަތަކަށް ނާރާނެ: ނަސީދު
ދެންމެ | 09 ފެބްރުއަރީ 2023

މި އަހަރުގެ ރިޔާސީ އިންތިހާބަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރަނުގެ ފުރުސަތެއް ކަމަށާއި ކޯލިޝަން ހަދައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަހަތަށް ޖުމްހޫރީ ޕާޓީން ނާރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ހިއްސާކުރެއްވި މެސެޖުތަކެއްގައި ވިދާޅުވީ ރައީސްގެ ފަހަތްޕުޅަށް ގާސިމް އަރާނެ އެއްގޮތެއް ވެސް ނެތް ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ގާސިމް ދިފާއުކުރެއްވުމުން ވެސް ތަކުރާރުކޮށް ނަޝީދު ވިދާޅުވީ ރައީސްއާ އެކު ގާސިމް ނުހުންނަވާނެ ކަމަށެވެ.

”ތިޔަ ބޭފުޅުން ރައީސް އިބޫއަށް އޮޅުވާލާ ވާ ވައްދަނީ. ތިޔަ ބޭފުޅުން ސަނާ ކިޔަސް މީހުން ދެކޭ ގޮތް ވަރަށް ތަފާތު. އަދި މިއީ ގާސިމްގެ ރަނުގެ ފުރުސަތު،“ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސްއާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ ރިޔާސީ ދެވަނަ ދައުރެއް އެމްޑީޕީއަށް ކާމިޔާބުވާނީ ޕާޓީތަކާ އެކު ކޯލިޝަނެއްގެ ތެރެއިން ކަމަށާއި އެކަން އެމަނިކުފާނަށް ކާމިޔާބުކުރެއްވޭނެ ކަމަށެވެ.

ގާސިމަށް ރައީސްކަން ދޭން އެމްޑީޕީގެ ގަރާރެއް އޮންނާނެ. — ނަޝީދު

ރިޔާސީ އިންތިހާބުގައި ގާސިމް ވަކިން ވާދަކުރައްވަން ތާއީދުކުރައްވައި ނަޝީދު ވާހަކަފުޅު ދެއްކެވިއިރު، އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވެރިކަމުގެ ދެ ވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވާނެ ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.

ގާސިމް، ރައީސްއާ އެކު ކޯލިޝަން ނުހައްދަވާނެ ކަމަށް ދެއްކެވި ވާހަކައިގެ ތެރެއިން ނަޝީދު ދެން ވިދާޅުވީ ގާސިމްއަށް ރައީސްކަން ދޭން އެމްޑީޕީގެ ގަރާރެއް އޮންނާނެ ކަމަށެވެ.

އެމަނިކުފާނު އެ އިޝާރާތްކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މަޖިލީހުގެ ރައީސްކަމަށް ގާސިމް ގެންނަން ފާސްކުރި ގަރާރަށް ކަމަށް ބެލެވެ އެވެ. އެ ނޫން ގަރާރެއް، ގާސިމަށް ރައީސްކަން ދޭން ފާސްކުރި ކަމެއް އެމްޑީޕީން އާއްމުކޮށްފައެއް ނުވެ އެވެ.

އޮކްޓޯބަރު، 2018 ގައި އެމްޑީޕީ ވެސް ހިމެނޭގޮތުން އޭރުގެ އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ހިމެނޭ ޕާލަމެންޓްރީ ގްރޫޕުން ނިންމީ ގާސިމަށް މަޖިލީހުގެ ރައީސްކަން ދިނުމަށެވެ. އޭރު 51 މެމްބަރުންގެ ސޮޔާއެކު އެގޮތަށް ފާސްކުރީ މަޖިލީހުގެ ރައީސަކަށް ހުންނެވި އަބްދުﷲ މަސީހް މަގާމުން ދުރުކުރުމަށް ނިންމުމަށް ވެސް އެއްބަސްވެ އެވެ.

މި ގަރާރު ފާސްކޮށްފައި ވަނިކޮށް، ގާސިމް މަޖިލީހުގެ ރައީސްކަން 19 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުވުމާ ހަމައަށް ކުރެއްވި އެވެ.

ޖުމްހޫރީ ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބާ މެދު ގޮތެއް އަދި ނުނިންމަ އެވެ. ރިޔާސީ ކެންޑިޑޭޓަކު ނެރެގެން ވަކިން ވާދަކުރާނީތޯ ނުވަތަ ސަރުކާރު ކޯލިޝަނާ އެކު ކުރިއަށްދާނީތޯ އިއުލާނެއް ނުކުރެ އެވެ. މިކަން ކަނޑައަޅާނީ މި މަހުގެ 24 ގައި އޮންނަ އެ ޕާޓީގެ ކޮންގްރެސްގައި ކަމަށް ބެލެވެ އެވެ.

ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި މި ސަރުކާރާ އެކު މިހާތަނަށް ދެމިއޮތަސް ގާސިމް ވަނީ ބަހުގެ ހަމާލަތަކެއް މި ފަހުން އަމާޒުކުރައްވައިފަ އެވެ. އެ ޕާޓީ ވިސްނަން ޖެހިފައި އޮތީ އަބަދު އެ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ދެމިނޯވެ އެކަނި ވެރިކަން ކުރަން ކަމަށާއި އެ ގާބިލްކަން ޕާޓީގައި ހުރި ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެ އެވެ.

ޕާޓީގެ ބައްދަލުވުމަށް ފަހު ރޭ ވެސް ގާސިމް ވިދާޅުވެފައި ވަނީ ގައުމުގެ ކަންކަން އިސްލާހު ކުރުމަށްޓަކައި އޭނާ މިހާތަނަށް ކުރެއްވި މަސައްކަތުން ފައިދާވީ އެހެން މީހުންނަށް ކަމަށެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މި ފަސް އަހަރު ”ހަމަނޭވާލައިގެން“ އުޅުއްވުނު ކަން ފާހަގަކުރެއްވި އެވެ.

މި ސަރުކާރާ މެދު ވެސް އޮތް ހިތްހަމަނުޖެހުމަކީ ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުކުރެވުން ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ ތެރެއިން ޖޭޕީ އަށް 10 ޕަސެންޓާ ހަމައަށް ވެސް މަގާމުތައް ހަމަނުޖޭ ކަމަށާއި މަގާމުތައް ބަދަލުކޮށް ނުވަތަ އުވާލާއިރު މަޝްވަރާ ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވެފައިވާ ގޮތުގައި އޭނާ އުޅުއްވަނީ ވެރިކަން ބޭނުންވެގެން ނޫނެވެ. މުހިންމީ ދިވެހިންގެ ހެވާއި ލާބަ އަށް މަސައްކަތް ކުރުން ކަމަށާއި އެ ކަމަށް ކަންކަން އޭނާ އަށް ކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!