ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ އެކަމުގެ މަޝްވަރާތައް ކުރުމުގެ ބާރު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް ދިނުމަށް ނިންމައި އެ ޕާޓީގެ ކައުންސިލުން މިއަދު ގަރާރެއް ފާސްކޮށްފި އެވެ.
މިއަދު ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކައުންސިލް މެންބަރު މުހައްމަދު ނާޒިލް ވަނީ ކައުންސިލަށް ގަރާރެއް ހުށަހަޅާފަ އެވެ.
ނާޒިލްގެ ޤަރާރުގައި ބުނެފައިވަނީ، ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓެއް ނެރެން ޖެހިއްޖެ ޙާލަތެއްގައި އެކަން ކުރުމަށާއި، ކޯލިޝަނެއް ހަދަންޖެހިއްޖެ ހިނދެއްގައި އެކަމުގެ މަޝްވަރާތައް ކުރުމުގެ ބާރާއި، އިހްްތިޔާރު ޕާޓީގެ ލީޑަރަށް ދިނުމަކީ ޕާޓީގެ މަސްލަހަތު އެންމެ ބޮޑަށް ރައްކާތެރި ކުރެވޭނެ ގޮތް ކަމަށެވެ.
”އެ ބާރާއި އިހްތިޔާރު ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމަށް ދިނުމަށް އަޅުގަނޑު ހުށަހަޅަމެވެ،“ ނާޒިލްގެ ގަރާރުގައި ވެއެވެ.
އެ ގަރާރު ފާސްވީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށް ޖޭޕީން މަޢުލޫމާތުދެއެވެ.
މި ޤަރާރު ފާސްވުމާއެކު ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމުގެ ބާރު ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވަނީ ލިބިވަޑައިގެންފައެވެ.
ޤާސިމް ވަނީ މީގެ ކުރިން 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވައިފަ އެވެ. 2008 ވަނަ އަހަރު ގާސިމަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 15 ޕަސެންޓެވެ. އަދި 2013 ގައި ގާސިމަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ 24 ޕަސެންޓެވެ.
މިސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި މިވަގުތު އޮތް ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާމެދު ނިންމަވާ ނިންމުމަކާއެކު ސިޔާސީ މަންޒަރުވަރަށް ބޮޑަށް ބަދަލުވެގެންދާނެ ކަމަށް މަސްރަޙު ދިރާސާކުރަށްވާ ފަރާތްތަކުން ވިދާޅުވެއެވެ.
2008 ވަނަ އަހަރުންފެށިގެން މިހާތަނަށް ރާއްޖޭގައި ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްވެސް ކާމިޔާބު ކޮށްފައިވަނީ ޖޭޕީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް ތާޢީދު ކުރެއްވި ކެންޑިޑޭޓުންނެވެ.