ރައީސް ނަސީދާއި ދައްކާނެ ވާހަކައެއް ކުރާނެ މަސްވަރާއެއް ނޯންނާނެ: ރައީސް ސޯލިހް
ދެންމެ | 24 މާރޗް 2023

ކުރިޔަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދައްކަވާނެ ވާހަކައެއް ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސް އެކުލަވާލި އެމްޑީއޭ/އަދާލަތު ކޯލިޝަނާއެކު އިއްޔެ ބޭއްވި ފުރަތަމަ ބައްދަލުވުމަށް ފަހު މުލިއާގޭ ކައިރީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނަޝީދާ އެކު މަސައްކަތް ކުރުމަށް މަޝްވަރާ ކުރައްވާނެތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެއީ އެމްޑީޕީގެ އެތެރޭގެ ބޭފުޅުންތަކެއް ކަމަށެވެ.

”އަޅުގަނޑުމެން ނުޖެހޭ އެއަކާ ދޭތެރޭ ވިސްނާކަށް،“ ނަޝީދަށް އަމާޒު ކުރައްވައި ރައީސް ވިދާޅުވި އެވެ.

ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުން ނަޝީދު ގެންދަވަނީ ”ފިކުރެއްގެ ދިރުން“ ނަމުގައި އެމަނިކުފާނަށް ތާއީދުކުރައްވާ އެމްޑީޕީގެ މެމްބަރުންތަކަކާ އެކު ވަކި ފެކްޝަނެއް ހިންގަވަމުންނެވެ. އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ނަޝީދުގެ ހަރަކާތަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ވަކި ފެކްޝަނެއް ނަޝީދަށް ނުހެއްދެވޭނެ ކަމަށެވެ. އެމްޑީޕީން އިންތިހާބު ކޮށްފައިވާ ކެންޑިޑޭޓާ އިދިކޮޅަށް ވަޑައިގަތުމަށް ނުނިންމެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަޝީދު ވެސް މަސައްކަތް ކުރަން ވާނީ އެމްޑީޕީގެ އެތެރޭގައި ހަދާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު ނަޝީދާއެކު އެއްވެސް މަޝްވަރާއެއް ކުރެއްވިތޯ ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެމަނިކުފާނާ އިތުރަށް ވާހަކަ ނުދައްކަވާ ކަމަށެވެ. އިތުރަށް މަޝްވަރާ ކުރަން ޖެހޭ ކަންކަން ޕާޓީގެ އޮންނަ އޮނިގަނޑުގެ ތެރެއިން ހިނގާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

”މިހާރު ކުރަން ޖެހޭނެ މަސައްކަތަކީ އެމްޑީޕީ އާށް އިންތިހާބު ކާމިޔާބު ކުރަން ކުރަން ޖެހޭ މަސައްކަތް. އެ ނޫން ކަމެއް މިހާރަކު އިންތިހާބާ ބެހޭ ގޮތަކުން ދެން ނޯންނާނެ،“ ރައީސް ވިދާޅުވި އެވެ.

ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމަށް ފަހު ނަޝީދު މިހާރު ގެންދަވަނީ ފާޅުގައި ރައީސް އާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ. އަދި ”ފިކުރެއްގެ ދިރުން“ ގެ ނަމުގައި އެމްޑީޕީގެ އެތެރޭގައި ވަކި ފެކްޝަނެއް ހަދައިގެން މަޖިލީހުގައި ވެސް އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކރުައްވަމުންނެވެ.

އެ ފެކްޝަނުން ވަނީ ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް އާއެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާތައް ވެސް ފަށައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!