އަމްރުގެ ޕްރޮގްރާމް ހުއްޓުވީ ތަރުޖަމާން ޕީއެސްއެމްއަށް ވަދެ، ގަދަ އަމުރު ކޮށްގެންކަން ޔަގީން ވެއްޖެ
ދެންމެ | 26 މާރޗް 2023
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރުގެ ޕްރޮގްރާމެއް ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ދެއްކުން ހުއްޓުވާފައި ވަނީ ރައީސް އޮފީސް ތަރުޖަމާން މިއުވާން މުހައްމަދު ޕީއެސްއެމްއަށް ވަދެ އަމުރު ކޮށްގެންކަން ޔަގީން ވެއްޖެ އެވެ.
ޕީއެސްއެމްގެ ޒިންމާދާރު ވެރިޔަކު ވިދާޅުވީ ޕްރޮގްރާމް ގަޑި ޖެހެން ކުޑަތަން ވެފައިވަނިކޮށް މިއުވާން
މެނޭޖިންގ ޑިރެކްޓަރ އަލީ ހާލިދަށާއި ނިއުސް ހެޑް މުހައްމަދު އަފްޒަލަށް ފޯނުން ގުޅައި އެ ޕްރޮގްރާމް ނޭޅުމަށް އިންޒާރު ދެއްވާފައިވާ ކަމަށެވެ.
“ ފުރަތަމަ މިއުވާން އެމްޑީ އަށާއި ނިއުސް ހެޑަށް ގުޅާފައި ބުނީ އެ ޕްރޮގްރާމް ނާޅުވަން. އޭގެ ކުޑަ އިރުކޮޅެއް ފަހުން ޕްރޮގްރާމް ގަޑީގެ ކުޑަ އިރު ކޮޅެއް ކުރިން މިއުވާން ޕީއެސްއެމްއަށް ވަދެ ޕްރޮގްރާމް ނާޅުވާކަން ކަށަވަރު ކުރީ.“ އޭނާ ކިޔައިދިނެވެ.
އޭނާ ބުނީ މިއުވާން ޕީއެސްއެމްއަށް އައީ އެމްޑީ އާއި ނިއުސް ހެޑަށް އިތުބާރު ނުކުރާތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމްރުގެ ޕްރޮގްރާމް ދެއްކުން ރައީސް އޮފީހުން މަނާކޮށްފައިވާކަމަށާއި މިވެރިކަން ނިންމަންޖެހޭކަމަށެވެ.

 

އަމްރުގެ ޕްރޮގްރާމް މިރޭ ދައްކާނެ ކަމަށް އެސްޓީއޯ އިންވެސް ވަނީ ޓްވީޓްކޮށްފައެވެ. އެހެންނަމަވެސް އެޕްރޮގްރާމް ދައްކާފައި ނުވާކަމަށާއި އެގަޑީގައި ދައްކާފައިވަނީ ރިޕީޓް ޕްރޮގްރާމެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިރޭ 9:00 ޖަހާއިރު އޮތް ރާއްޖެ މިއަދު ޕްރޮގްރާމް ގައި ދެއްކުމަށް އަމުރުގެ އިންޓަވިއުގެ ރެކޯޑިންގ ހަދާފައި ވަނީ މިއަދު ހެނދުނު 10:30 އިން 11:00 އާ ދެމެދުއެވެ.

ދައުލަތުން ދައުލަތުގެ މީޑިއާގެ ބޭނުން ނަހަމަ ގޮތުގައި ކުރާކަމުގެ ތުހުމަތުތައް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދަނީ ކުރަމުންކަން ފާހަގަކޮށްލެވެއެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރުއަކީ އެމްޑީޕީގެ ބޭފުޅެއް ނަމަވެސް އޭނާ ދަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދޫކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާކަން ފާޅުގައި ވިދާޅުވަމުންނެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް އޭނާ ވަނީ ނަޝީދުގެ ކެމްޕެއިންގައި އަމަލީގޮތުން ބައިވެރިވެފައިކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!