2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބަކީ ތާރީހީ އިންތިހާބެކެވެ. އެއީ ރައީސް ކަމުގައި ހުންނެވި ޑރ. ވަހީދަށް 5 ޕަސެންޓް ވޯޓް ލިބިވަޑައިގެންނެވި ތާރީހީ ފަހަރެވެ.
2023 ވަނަ އަހަރު ބާއްވާ އިންތިހާބަކީ ވެސް ވަރަށް ގިނަ ގޮތް ގޮތުން އެއްގޮތް ކަންތައްތަކެއް އެކުލެވޭ އިންތިހާބެކެވެ. 2013 ވަނަ އަހަރުގެ އިންތިހާބަށް 10 އަހަރު ވާނީ 2023 ވަނަ އަހަރު އެވެ.
ރައީސް ކަމުގައި ހުންނެވި ސޯލިހް ވެރިކަމަށް ކުރިމަތި ލައްވަން ނިންމަވާފައިވާއިރު އެމަނިކުފާން އެންމެ ބޮޑަށް މަސައްކަތް ކޮށްފައި ވަނީ ފުޅާ ކޯލިޝަނެއްގެ ތެރެއިން އިންތިހާބުގައި ވާދަ ކުރެއްވުމަށެވެ. އެހެންނަމަވެސް ޑރ. ވަހީދެކޭ އެއްފަދަ ގޮތަކަށް ސޯލިހަށް ވެސް ފަހު ވަގުތު ފުޅާ ކޯލިޝަނުން ވަނީ ކެހި ދީފަ އެވެ.
2018 ވަނަ އަހަރުން ފެށިގެން އެކުގައި ތިއްބެވި ޖޭޕީ އާއި ރައީސް ނަސީދާއި ރައީސް މައުމޫން ވެސް ވަނީ އިބޫ ދޫކޮށްފަ އެވެ. ރައީސް ސޯލިހާއި އެކު އަދި ހުންނެވީ އަދާލަތު ޕާޓީ އެކަންޏެވެ.
އަދާލަތު ޕާޓީން ރައީސް ސޯލިހާއި އެކު އޮންނެވި އިރު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އަދާލަތު ޕާޓީން ޑރ. ވަހީދުގެ ކޯލިޝަނުން ނިކުމެ ވަޑައިގެންނެވީ 2013 ވަނަ އަހަރުގެ ޖުލައިމަހު ފަހު ކޮޅުގަ އެވެ.
2023 ވަނަ ރިޔާސީ އިންތިހާބަށް ފޯރިގަދަ ވަމުން އަންނަ އިރު ރައީސް ނަސީދާއި ގާސިމް ތިއްބެވީ އެއްކޮށެވެ. އެހެން ނަމަވެސް ރައީސް ސޯލިހް ހުންނެވީ ގާތްގަނޑަކަށް ގިނި ކަންޏާއެވެ.
2013 ވަނަ އަހަރު ރިޔާސީ އިންތިހާބަށް އޭރުގެ ޑީއާރުޕީގެ ބޭފުޅުން ޑރ. ވަހީދުގެ ފަހަތްޕުޅުގައި ތިއްބެވި އިރު ރަނިންގ މޭޓަކަށް ހުންނެވީ ރޮޒައިނާގެ ފިރިސޮރު ނާސިޒްގެ ބޭބެ ތަސްމީނެވެ. 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި މިދެންނެވި އެންމެ ބޭފުޅުން ތިއްބެވީ ރައީސް ސޯލިހާ އެކުގަ އެވެ.