އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންހް ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އޭނާގެ ތިން ދުވަހުގެ އެ ދަތުރުފުޅުގައި އެންމެ ހާއްސަ ކަމަކަށް އޮންނާނީ، ކޯސްޓްގާޑުން ބޭނުން ކުރަމުން ދިޔަ ކަނޑުގެ އަސްކަރީ އުޅަނދު ”ހުރަވީ“ ގެ ބަދަލުގައި އިންޑިއާ އިން ހަދިޔާކުރި އުޅަނދު ރަސްމީކޮށް ދިވެހި އަސްކަރިއްޔާއާ ހަވާލު ކުރުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަދި އެ ދަތުރުފުޅުގައި އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރާ ލޭންޑިން ކްރާފްޓަކާއި ފާސްޓް ޕެޓްރޯލް ވެސެލް ޝިޕެއް ހަވާލު ކުރާނެ އެވެ.
އެ ދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ވެސް އިންޑިއާގެ ޑިފެންސް މިނިސްޓަރު ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ބައްދަލުކުރެއްވުން ތަކުގައި ދެ ގައުމުގެ ދިފާއީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.
އެގޮތުން ކަނޑުމަތީގެ ސަލާމަތާއި، ޓެރަރިޒަމާއި، ހައްދުފަހަނައެޅުމާއި، ކަނޑުފޭރުމާއި، ޓްރެފިކިންއާއި، އޯގަނައިޒްޑް ކްރައިމް އަދި ގުދުރަތީ ކާރިސާފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާއާއި ރާއްޖެއާ ގާތުން މަސައްކަތް ކުރަމުން އަންނަކަންވެސް އެގައުމުގެ ޑިފެންސް މިނިސްޓްރީން ފާހަގަކުރި އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެ ވަޑައިގެންނެވިއިރު އެއީ މި ސަރުކާރުން އެންމެ ބޮޑަށް ގުޅުން ބަދަހި ކޮށްފައިވާ ގައުމެވެ.
އިންޑިއާ އިން ރާއްޖެ އަށް އަލަށް ހަދިޔާކުރާ އަސްކަރީ އުޅަނދު ރާއްޖެ ގެނައީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އުޅަނދު މާލެ ގެނައުމުގައި ހަރަކާތްތެރިވި އިންޑިއާގެ ކްރޫއިން ވަނީ އޭގައި މަސައްކަތް ކުރާނެ އެމްއެންޑީއެފްގެ އޮފިސަރުން ތަމްރީން ކުރުމަށް ދެ ހަފުތާގެ ތަމްރީން ޕްރޮގްރާމެއް ހިންގައިފަ އެވެ.